މިސަރުކާރަށް ކުރަން އެގޭ ކަމަކީ ޖިންސީ ފުރައްސާރަ ކުރާމީހުން ފޮރުވުން: ޝިޔާމް

މިސަރުކާރަށް ކުރަން އެގޭ ކަމަކީ ޖިންސީ ފުރައްސާރަ ކުރާމީހުން ފޮރުވުން: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
10 ފެބްރުއަރީ 2021 11:50
0

މިސަރުކާރަށް ކުރަން އެނގޭ ހަމައެކަނި ކަމަކީ ޖިންސީ ފުރައްސާރައާއި، ޖިންސީ ގޯން ކުރައްވާ ބޭފުޅުން ފޮރުވައި އެބޭފުޅުން ހިމާޔަތް ކުރުންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދި، ދެ އަހަރާއި ބައި ވަމުންދާއިރު، ކުރަން އުގުނު ކަމެއްކަމަށް ރައްޔިތުންނަށް ފެނިފައިވަނީ ޖިންސީ ގޯނާ ކުރުމާއި، ޖިންސީ ފުރައްސާރަ ކުރާ މީހުން ފޮރުވުންކަމަށެވެ. ޖިނާއި މިފަދަ ބޮޑެތި މައްސަލަ ތަކުގައި ޝާމިލުވާމީހުން ވަގު ވަގަށް ރާއްޖެއިން ބޭރަށް ފުރުވާލައި، ސިއްރު ސިއްރުން މިފަދަ ކަންކަން ކުރާއިރު ކުދި ކުދި ކުއްތަކުގައި ހިމެނޭ މީހުންގެ ޕާސްޕޯޓް ހިފަހައްޓައި ބޮޑެތި އަނިޔާ ދެމުންދާކަމަށެވެ.

ޝިޔާމް ވިދާޅުވީ މިސަރުކާރަކީ ވަޒީފާގެ މާހަލުގައި ވެރިން ކުރާ ޖިންސީ އަނިޔާގެ ކަންކަން ފޮރުވައި، އެކަންކަން އެއީ ނުވާކަމެއްކަމަށް ހެދުމަށް މަސައްކަތް ކުރާ ސަރުކާރެއްކަމަށެވެ. އަނިޔާ ލިބުނު މީހުންނަށް އިންސާފު ހޯދުމުގެ ބަދަލުގައި މިސަރުކާރުގެ އަމާޒަކީ އެފަދަ ކަންކަން ކުރާ މީހުން ހިމާޔަތް ކުރުންކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި މަޤާމުން ދުރުކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ރާއްޖެ ދޫކޮށް ބޭރަށް ވަޑައިގެފައިވާތީއެވެ. ޢަލީ ވަހީދު ރާއްޖެ ދޫކުރައްވާ ވަޑައިގެންފައިވާއިރު، އޭނާގެ މައްޗަށް ވަނީ 7 ދަޢުވާއެއް އުފުލާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ކުރީގެ މިނިސްޓަރ ޢަލީ ވަޙީދު ޖިންސީ އަނިޔާ ކުރިކަަމަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނަގެ ގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފައި ވާއިރު މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. އަދި މިމައްސަލާގެ ތަހުޤީގަށް ސުވާލުކުރުމަށް ޢަލީ ވަހީދުވެސް ވަނީ ފުލުހުންގެ ޢިދާރާއަށް ހާޒިރުކޮށްފައެވެ. މީގެ އިތުރުން މިމައްސަލައާއި ގުޅޭ އިތުރު ހެކި ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށްވެސް ފުލުހުން ކުރިން ބުނެފައިވެއެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައިސުލްޖުމްހޫރިއްޔާ ވަނީ އޭނާ ވަޒީރުކަމުން ވަކިކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.