އިގިރޭސި އެފްއޭ ކަޕް ކުއާޓާ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ފުރުސަތު ހޯދައިފިއެވެ.
މެންޗެސްޓާ ޔުނައިޓެޑް ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ ރޭ ވެސްޓް ހޭމް ޔުނައިޓެޑް 1-0 އިން ބަލިކޮށް ގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ވިކްޓަ ލިންޑެލޮފް ބޮލުން ފޮނުވާލި ބޯޅައެއް ވެސްޓް ހޭމްގެ ކީޕަރު ލޫކަސް ފަބިއާންސްކީ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 90 މިނިޓް ހަމަވުމުގެ ކުރިން ޔުނައިޓެޑް މޮޅުކޮށްދޭން މާކަސް ރެޝްފޯޑް ޖެހި ބޯޅައެއް ވެސް ފަބިއާންސްކީ ވަނީ ހުއްޓުވައިފަ އެވެ. އެކަމަކު ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފް ފެށިގެން ހަތް މިނިޓް ތެރޭ ޔުނައިޓެޑްގެ ސްކޮޓްލެންޑް މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ ވަނީ ގޯލެއް ޖަހައިފަ އެވެ.
މިއީ ޔުނައިޓެޑުން މުބާރާތުގެ ކުއާޓާ ފައިނަލުގައި ޖެހިޖެހިގެން ވާދަކުރާ ހަތް ވަނަ ފަހަރެވެ. ޔުނައިޓެޑުން އެންމެ ފަހުން މި މުބާރާތުގެ ތަށި އުފުލާލީ 2016 ވަނަ އަހަރު ލުއީ ވެން ހާލްގެ ކޯޗުކަމުގަ އެވެ. ޔުނައިޓެޑުން ވަނީ 12 ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ