ރާއްޖޭގައި ކޯވިޑް-19 އަށް ވެކްސިން ދިން މީހުންގެ އަދަދު 16،000 އިން މައްޗަށް އަރައިފިއެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް ދެމުން އަންނަ ވެކްސިނާއި ގުޅޭގޮތުން އެޗްޕީއޭއިން ޢާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު ރާއްޖޭގައި ވަނީ 3،306 މީހަކަށް ވެކްސިން ދީފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ދިން 2،792 މީހަކާއި، އަތޮޅުތަކުގެ ރަށްތަކުން ވެކްސިން ދިން 514 މީހެކެވެ.
މިއީ ރާއްޖޭގައި ވެކްސިން ދޭން ފެށިފަހުން އެއް ދުވަހެއްގައި އެންމެ ގިނަ ޢަދަދަކަށް މީހުންނަށް ވެކްސިން ދިން ދުވަހެވެ.
މިއާއެކީ މިހާތަނަށް ރާއްޖޭގައި ވެކްސިން ދިން މީހުންގެ ޢަދަދު ވަނީ 16،251 އަށް އަރާފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ދިން 13،418 މީހަކާއި، އަތޮޅުތަކުން ވެކްސިން ދިން 2،833 މީހެކެވެ.
*️⃣ COVID-19 : Vaccination updates pic.twitter.com/eJZNiE9bvu
— Health Protection Agency (@HPA_MV) February 9, 2021
ރާއްޖޭގައި ރަސްމީކޮށް ވެކްސިންދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގައެވެ. ރާއްޖެ މިވަގުތު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި އޮތުމުގެ ސަބަބުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އަދި ވެކްސިން ދެމުންގެންދާނީ ވެކްސިން ޖެހުމަށް ޚާއްސަ ޕޯޓަލްގައި ރަޖިސްޓްރީވަމުންދާ ފަރާތްތަކަށްކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.
ރާއްޖޭގައި ދެމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އަދި ވެކްސިން ޕްރޮގްރާމަށް ބޮޑު ތަރުހީބެއް އަންނަަކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ވެކްސިން ދިނުމުގައި ކުރީސަފުގައި މަސައްކަތްކުރާ މީހުންނަށް އިސްކަންދޭއިރު، އެކި ދާއިރާތަކުން ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށް އަންނަނީ ވެކްސިން ދެމުންނެވެ.
ކޮމެންޓު ފޮނުވާ