ހިޔާ: ސިވިލް ސަރވިސް ކެޓަގަރީގެ ދާއިމީ ލިސްޓް އަންމުކޮށްފި

ހިޔާ: ސިވިލް ސަރވިސް ކެޓަގަރީގެ ދާއިމީ ލިސްޓް އަންމުކޮށްފި

Author
މުޙައްމަދު ޝަޒައިމް
09 ފެބްރުއަރީ 2021 08:29
0

"ހިޔާ" މަޝްރޫޢުގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށްފަހު، މި ކެޓަގަރީގެ ދާއިމީ ލިސްޓް އިޢުލާން ކޮށްފިއެވެ.

މި އިޢުލާނާއެކު، "ހިޔާ" މަޝްރޫޢުގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓާއި، ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވެ ފްލެޓް ލިބިފައިނުވާ ފަރާތްތަކުގެ ދާއިމީ ލިސްޓު ޢާންމުކުރެވިފައިވާނެކަމަށް މި އިއުލާނުގައި ބުނެފައިވެއެވެ.

"ހިޔާ" މަޝްރޫޢުގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީގެ ވަގުތީ ލިސްޓު އިޢުލާންކޮށް، ޝަކުވާ ހުށަހެޅުމުގެ މުއްދަތުގައި މި ކެޓަގަރީއިން ޕޮއިންޓް ލިބިފައިވާ ގޮތާ ގުޅޭގޮތުން ކޮމިޓީއަށް ލިބިފައިވާ ހުރިހާ ޝަކުވާއަކަށް މިހާރު ވާނީ ލިޔުމުން ޖަވާބުދެވިފައިކަމަށާއި، މިގޮތުން މި ކެޓަގަރީގެ ދާއިމީ ލިސްޓު އެކުލަވާލެވިފައިމިވަނީ، މި ކެޓަގަރީއަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަކުވާތަކަށް ރިޢާޔަތްކުރުމަށްފަހުގައިކަމަށް ބުނެފައިވެއެވެ.

މި ލިސްޓު އެކުލަވާލެވިފައިވަނީ، މި ކެޓަގަރީއަށް ފޯމު ހުށަހެޅިއިރު ހުރި މިނިސްޓްރީތައް ވަކިވަކިން އެނގޭނެގޮތަށެވެ. މިހާރު އައު މިނިސްޓްރީތައް އުފެދި، މި ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އެކި އިދާރާތަކަށް ބަދަލުވެފައިވީނަމަވެސް، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން އެކުލަވާލާފައިވާ މި ލިސްޓުގައި، ކޮންމެ ފަރާތެއްވެސް ހިމެނިފައިވާނީ 2018 ވަނަ އަހަރު ނެރެފައިވާ ލިސްޓްތަކުގައި އެ ފަރާތެއް ހިމެނިފައިވާ އިދާރާއެއްގެ ދަށުންނެވެ. އެގޮތުން މި ލިސްޓުގައި ބޭނުންކޮށްފައިވާނީވެސް އޭރު މިނިސްޓްރީތަކަށް ކިޔަމުންދިޔަ ނަންތައް ކަމުގައި އިއުލާނުގައި ބުނެފައިވެއެވެ.

މި ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވެ، ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓުގައި، ދެމަފިރިން އެއްކޮށް ހިމެނިފައިވާނީ، އެ ދެ ފަރާތަކީވެސް އެ ފަރާތެއް ފޯމު ހުށަހެޅި ކެޓަގަރީއިން ފްލެޓް ލިބޭ ފަރާތްތަކެއް ކަމުގައިވާތީއާއި، މި މަޝްރޫޢުގެ ދަށުން ދެމަފިރިންނަށް ފްލެޓް ލިބޭ ހާލަތްތަކުގައި ހަވާލުކުރެވޭނީ 1 ފްލެޓް ކަމުގައިވާތީއެވެ. މި ކެޓަގަރީއަށް ފޯމު ހުށަހެޅުމަށްފަހު ފޯމު ހުށަހެޅި ފަރާތް، ފްލެޓްގެ ތަޅުދަނޑި ލިބުމުގެ ކުރިން، ވަޒީފާއިން ވަކިވެފައިވާނަމަ އެ ފަރާތެއްގެ ފޯމު ބާޠިލްވާނެކަމަށް އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅުއްވާފައިވާތީ، މިވަގުތު ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިވެފައިވާ ފަރާތްތައް ދާއިމީ ލިސްޓުން ވާނީ އުނިކުރެވިފައެވެ.

މި ކޮމިޓީއިން ދާއިމީ ލިސްޓު އިޢުލާންކުރުމުން، އެ ފަރާތަކަށް ފްލެޓް ހަވާލުކުރެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ފްލެޓް ހަވާލުކުރުމުގެ ޕްރޮސެސްގައި، އިތުރަށް ބަލަންޖެހޭ ކަންކަން ބެއްލެވުމަށްފަހުއެވެ.

މި ކެޓަގަރީގެ ފޯމުތައް، މި ކޮމިޓީއިން ދިރާސާކުރުމަށްފަހު ނެރެފައިވާ ވަގުތީ ލިސްޓްގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން، ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހިންގާފައިވާ ސޯޝަލް ހައުސިންގ ޕްރޮގްރާމެއްގެ ދަށުން ފްލެޓް/ރޯހައުސް/ގޯތި ލިބި، އެގްރިމެންޓްގައި ސޮއިކޮށްފައިވާ ފަރާތްތައް، ދާއިމީ ލިސްޓުން އުނިކުރެވިފައިވާނެ ވާހަކަ ވަނީ ދަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.