އުދައްޔުގެ މަރަށް އިންސާފުހޯދާނަން، މިއީ ސަރުކަރުން ތަހައްމަލުކުރާނެ ކަންކަމެއްނޫން: އިމްރާން

އުދައްޔުގެ މަރަށް އިންސާފުހޯދާނަން، މިއީ ސަރުކަރުން ތަހައްމަލުކުރާނެ ކަންކަމެއްނޫން: އިމްރާން

Author
މުޙައްމަދު ޝަޒައިމް
09 ފެބްރުއަރީ 2021 07:52
0

އުދައްޔުގެ މަރަށް އިންސާފު ހޯދުމަށް ދިވެހި ފުލުހުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށާއި، މިއީ ދިވިހެ ސަރުކާރުން ތަހައްމަލު ކުރާނެ ކަމެއްނޫންކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ގއ.މާމެންދޫގައި ރޭ ހިނގި މާރާމާރީއާއި ގުޅިގެން ބޮޑެތި ޒަހަމްތަކެއް ލިބުނު އުދައްޔު ނިޔާވެފައިވަނީ ގއ.އަތޮޅު ހަޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. އުދައްޔުގެ މަރާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދިވެހި ފަސްގަނޑުގައި މިފަދަ ކަންކަން ކުރުމަކީ ދިވެހި ސަރުކާރަށް ތަހައމަލު ކުރެވޭނެ ކަންތައްތަކެއް ނޫންކަމަށެވެ.

އުދައްޔުގެ މަރާއި ގުޅިގެން، އަޅަންޖެހޭ އެންމެހައި ފިޔަވަޅު އަޅައި، މަރަށް އިންސާފު ހޯދުމަށް ދިވެހި ފުލުހުން ކުރަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެކަމުގެ ޔަގީންކަން މިނިސްޓަރ އިމްރާން ވަނީ ދެއްވާފައެވެ.

ހައްޤަކާއި ނުލައި ފުރާނައެއް ނަގާލުމަކީ ބޮޑުވެގެންވާ ފާފައެއް، ކުށެއް! ދިވެހި ރާއްޖޭގެ ފަސްގަނޑުގައި މިފަދަ ޖަރީމާތައް ހިންގުމަކީ ސަރުކާރުން ތަހައްމަލު ކުރާނެ ކަމެއްނޫން. އަހުމަދު އުދައްޔުގެ މަރަށް އިންސާފު ހޯދުމަށް ދިވެހި ފުލުހުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ. އިންޝާ ﷲ.

– މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ގްރޫޕް މާރާމާރީއެއް ހިންގައި ރޭ މަރާލި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން ވަނީ ނިންމާފައެވެ. ފުލުހުން ވިދާޅުވީ އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.

ގއ. މާމެންދޫގައި ރޭ 11:00 ޖެހި އިރު ޒަހަމް ކޮށްލައި އަނިޔާވެރި ގޮތަކަށް މަރާލީ އަހުމަދު އުދައްޔުގެ މަރުގެ ތުހުމަތަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ރޭ މާރާމާރީގައި މަރުވި ކުޑަކުއްޖާގެ ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާކަމަށާއި 4-5 އިންޗި ފުނަށް ވަޅި ހަރާ ޒަހަމްކޮށްލާފައިވާ ނިޝާންތައްވެސް ހުރިކަމަށް ގއ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ. 17 އަހަރުގެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށާއި ވަޅި ހަރާފައިވަނީ ވަރަށް ފުނަށް ކަމުން ހަށިގަނޑުގެ މައި ގުނަވަންތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަންވެސް ޑޮކްޓަރުން ހަވާލާދީ ގއ އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ރޭ ހިނގި މާރާމާރީއާއި ގުޅިގެން މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ޒުވާނަކާއި 23 އަހަރުގެ ޒުވާނަކާއި 18 އަހަރުގެ ކުއްޖެއްކަމަށެވެ. މި އެންމެންވެސް ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއް ދަށުންކަމަށް ފުލުހުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.