ދީނުގެ ޙުކުމްތައް ބަޔާންކުރުމަކީ ދީނުގެ ޢިލްމު އުނގެނިގެން ތިބި، ދީނީ ނަޞޭޙަތް ދިނުމާއި ވަޢުޒު ބުނުމުގެ ހުއްދަ ލިބިފައިވާ ޢިލްމުވެރިންގެ ޒިންމާއެއް ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅުނު ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ހުށަހަޅާފައިވާ ޤަރާރާއި ގުޅިގެން ގިނަ އިލްމުވެރިން ވަނީ އެބޭފުޅުންގެ ޝުއޫރު ފާޅު ކުރައްވާފައެވެ.
ދީނީ އިލްމުވެރިންގެ ރައުޔުތަކާއި ގުޅިގެން ސިޔާސީ ބައެއް ބޭފުޅުން ރައްދު ދެއްވައި ތަފާތުއެކި ވާހަކަތައް ދައްކަމުންދާތީ އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ދީނީ ގޮތުން ހުއްދަ ލިބިފައިވާ މީހުންނަށް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ހުކުމްތައް ބަޔާންކޮށް އެކަން ސާފުކޮށް ދިނުމަކީ އެބޭފުޅުންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ.
އިސްލާމް ދީނުގެ ޙުކުމްތަކަށް އިޙްތިރާމްކޮށް މަތިވެރިކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެކެވެ. އަދި ދީނުގެ ޙުކުމްތައް ބަޔާންކުރުމަކީ ދީނުގެ ޢިލްމު އުނގެނިގެން ތިބި، ދީނީ ނަޞޭޙަތް ދިނުމާއި ވަޢުޒު ބުނުމުގެ ހުއްދަ ލިބިފައިވާ ޢިލްމުވެރިންގެ ޒިންމާއެކެވެ.
– އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މަޖިލީހުގައި އިއްޔެ ހުށަހެޅުނު ޤަރަރާރަށް ވާހަކަ ދެއްކެވި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންވަނީ ލަވަޔާއި، މިއުޒިކަކީ ހަރާމް އެއްޗެއްކަމަށް ކަނޑަނޭޅޭނެ ކަމަށެވެ. އެއީ ދީނުގައި ޚިލާފް އުފެދިފައިވާ ކަމަކަށްވުމުން އެފަދަ ވާހަތައް ރައްޔިތުންނަށް އޮޅޭގޮތަށް ބައެއް އިލްމުވެރިން ވާހަކަ ދައްކަމުންދާކަމަށެވެ. އެމްޑީޕީ މެމްބަރުންގެ ވާހަތަކަށް ބާރު ދެއްވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މިއަދު ވާހަކަ ދައްކަވާފައެވެ. މަޖިލިސް ރައީސް ވިދާޅުވީ ބައެއް އިލްމުވެރިން ދައްކަވާ ވާހަތަކާއިމެދު މިއަދު ރައްޔިތުން އިތުބާރު ނުކުރައްވާކަމަށެވެ.
ކޮމެންޓު ފޮނުވާ