ލިވަޕޫލްކޮޅަށް ސިޓީން 4 ލަނޑުޖަހައި، ލަދުގަންނަވާލައިފި

ލިވަޕޫލްކޮޅަށް ސިޓީން 4 ލަނޑުޖަހައި، ލަދުގަންނަވާލައިފި

Author
މުޙައްމަދު ޝަޒައިމް
08 ފެބްރުއަރީ 2021 10:59
0

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް ދަނޑުގައި 4-1 ގެ ބޮޑު ނަތީޖާއަކާއިއެކު ސިޓީން ބޮޑުމޮޅެއް ހޯދައިފިއެވެ.

ރޭގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދެވެރި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. މެޗުން މޮޅުވުމަށް ދެޓީމުންވެސް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު، ރޭގެ މެޗުގައި ލިވަޕޫލުގެ ކީއްޕަރު ބެކާގެ ފަރާތުން ގިނަ ގޯސްތަކެއް ހެދިގެން ދިޔަތަން ވަނީ ފެނިފައެވެ.

މެޗުގައި ސިޓީގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނަގައިދިނީ ގުންޑޮގާން އެވެ. މިގޯލް ޖެހުމުގެ ކުރިން ލިބުނު ޕެނެލްޓީ ގުންޑޮގާން ވަނީ ބޭކާރު ކޮށްލާފައެވެ. ސިޓީގެ ގޯލަށްފަހު ލިވަޕޫލުން ކުރިއަށްޖެހި އުފައްދަމުންދިޔަ ހަމަލާތައް ވަރުގަދަކޮށް، ގިނަ ހަމަލާތަކެއް ދިޔައީ ސިޓީގެ ގޯލަށް ފޮނުވާލަމުންނެވެ. ނަތީޖާއެއްގެ ގޮތުން ސަލާހަށް ސިޓީގެ ރުބެން ޑިއާޒް ކުރި ފައުލަަކަށް ރެފްރީ ދިން ޕެނަލްޓީއެއްގައި ސަލާހުވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މިމެޗުގައި ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އަށް ގިނަ ގޯސްތަކެއް ހެދުނުއިރު، މެޗުގެ ދެވަނަ ލަނޑަކީ އޭނާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ގުންޑޮގާން ޖެހި ލަނޑެކެވެ. އޭގެ ތިން މިނިޓް ފަހުން އެލިސަން ހެދި ގޯހެއްގެ ފައިދާނަގައި ސިޓީން އިތުރު ގޯލެއް ޖެހި އެވެ. މި ލަނޑު ޖެހީ ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ސްޓާލިން އެވެ. ސިޓީގެ ފަހު ގޯލު މެޗު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ މެޗުގައި ތަފާތު ކުޅުމެއް ދެއްކި ފޯޑެން އެވެ.

މިއީ 2003 ވަނަ އަހަރަށް ފަހު ލީގުގައި ސިޓީން ލިވަޕޫލް ދަނޑުގައި ހޯދި ފުރަތަމަ މޮޅެވެ. އަނެއްކޮޅުން މިއީ 1963 ވަނަ އަހަރަށް ފަހު ލިވަޕޫލުން ލީގުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

މި މޮޅާ އެކު ސިޓީން ވަނީ ލީގުގެ އެއް ވަަނައިގައި ފަސް ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. ސިޓީ އެއް ވަނައިގައި އޮތީ 22 މެޗުން 50 ޕޮއިންޓާ އެކު އެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ހަތަރު ވަނައިގައި އޮތީ 23 މެޗުން 40 ޕޮއިންޓާ އެކު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.