ޖަރުމަނު ބުންޑަސް ލީގާގައި ބަޔާ ލެވަކޫސަން މޮޅުވެ އަލުން ލީގުގެ ހަތަރުވަނައަށް ޖެހިލައިފިއެވެ.
ރޭ ލެވަކޫސަން މޮޅުވީ އަމިއްލަ ދަނޑުގައި ސްޓްރުޓްގާޓްއާ ވާދަކޮށް 5-2 ލަނޑުން މޮޅުވެގެންނެވެ. ލެވަކޫސަން އަށް ކެރެމް ދެމިބޭ ދެލަނޑު ކާމިޔާބު ކޮށްދިންއިރު ދެން އެޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ލިއޯން ބައެލީ، ފްލޮރިން ވާޓިޒްގެ އިތުރުން ޑިމަރާއި ގްރޭއެވެ. ރޭ ތާވަލުގެ ފުލުގައި އޮތް ޝާލްކޭ ބަލިކޮށް ލީޕްޒިގުން ވަނީ ދެވަނަ ދަމަހައްޓައިފައެވެ. މެޗުގައި ލީޕްޒިގަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ނޯޑީ މުކިއެލޭ، މާޝިއަލް ސަބިޒާގެ އިތުރުން ވިލީ އޯބަންއެވެ.
ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު 10 މީހުންނާއެކު ކުޅުނު ޔޫނިއަން ބާލިން އަތުން އަމިއްލަ ދަނޑުގައި މެއިޒް ވަނީ 1-0 ލަނޑުން މޮޅުވެފައެވެ. ވުލްފްބާގް ވަނީ ރަށުން ބޭރުގައި އޮގްސްބާގް އަތުން ރަށުން ބޭރުގައި 2-0 ލަނޑުން މޮޅުވެފައެވެ. ކުލޯން އަތުން މޮންޗެގްލެބެކް ވަނީ 2-1 ލަނޑުން ބަލިވެފައެވެ.
ރޭގެ ނަތިޖާއެކު ބަޔާން މިއުނިކް އެއްވަނައިގަ އޮތީ ކުޅުނު 20 މެޗުން ހޯދި 48 ޕޮއިންޓާއެކުއެވެ. ލީޕްޒިގް ދެވަނައިގަ އޮތީ 41 ޕޮއިންޓާ އެކުއެވެ. ތިންވަނަގަވާ ވުލްފްބާގް އަށް ލިބެނީ 38 ޕޮއިންޓެވެ. ރޭ ހޯދި މޮޅާއެކު ލެވަކޫސަން ވަނީ ތާވަލު ހަތަރުވަނައަށް އަލުން ކުރިޔަށް ޖެހިލާފައެވެ. ތާވަލުގެ ހަތަރުވަނައިގަ ލެވަކޫސަން އޮތީ 35 ޕޮއިންޓާއެކުއެވެ.
ކޮމެންޓު ފޮނުވާ