ކޮރަލް މަތިވެރި ފުޓްސަލް ލީގު: ސެކަންޑްހޯމް އާއި ރިވެލި އެއްވަރު

ކޮރަލް މަތިވެރި ފުޓްސަލް ލީގު: ސެކަންޑްހޯމް އާއި ރިވެލި އެއްވަރު

Author
މުޙައްމަދު ޝަޒައިމް
06 ފެބްރުއަރީ 2021 01:59
0

ކޮރަލް މަތިވެރި ފުޓްސަލް ލީގުގެ ފަހު ބުރުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރިވެލި ރިޓްރީޓް މޮޅުވިޔަ ނުދީ ސެކަންޑް ހޯމް ރެސްޓޯރެންޓުން ހިފަހައްޓައިފިއެވެ.

މުބާރާތުގެ ފައިނަލް ބުރަށް ހުޅުވާލި ޓްރާސްފާ ތަކާއިއެކު ގެނައި ބަދަލު ތަކުގެސަބަބުން ސެކަންޑް ހޯމް ރެސްޓޯރެންޓުވެސް ވަނީ ވަރުގަދަކޮށްފައެވެ. ރޭގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ބަލާ ހިތްވާކަހަލަ ކުޅުމެއް ފެނިގެންދިޔައިރު، ދެޓީމުންވެސް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައިވެއެވެ.

ރޭގެ މެޗުގައި ސެކަންޑް ހޯމް ރެސްޓޯރެންޓަށް ގޯލްތައް ޖަހައިދިނީ މުހައްމަދު އިސްމާއިލްއާއި، އަލީ ރިފާހުއެވެ. ރިވެލި ރިޓްރީޓަށް ގޯލް ޖަހައިދިނީ އިބްރާހިމް މުފީދާއި، ހުސެއިން ނަޝީދެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މެޗުގައި މޮޅު ކުޅުމެއްދެއްކި ރިވިލި ރިޓްރީޓުގެ ހުސެއިން ނަޝީދެވެ.

މުބާރާތުގެ ފަހު ބުރުގައި ޓީމުތަކުން ނެރޭ ނަތީޖާތަކަށް ބަދަލު އައިސްފައިވަނީ ފަހުބުރުގެ ޓްރާސްމާ މާކެޓްގައި ޓީމުތަކުން ގެނައި ބަދަލު ތަކުގެ ސަބަބުންނެވެ. މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން ކޮންމެ ޓީމެއްގައިވެސް މެޗު ކުޅޭއިރު ދަނޑު މަތީގައި 35 އަހަރުން މަތީގެ ކުޅުންތެރިޔަކު ހުންނަންޖެހެއެވެ. މުބާރާތް އިންތިޒާމު ކުރާ ފަރާތުން ބުނެފައިވަނީ މިކަމުގެ މަގުސަދަކީ އުމުރުން ދުވަސްވީ މީހުންނަށްވެސް ފުރުސަތު ދިނުމެވެ.

މިމުބާރާތުގެ މެއިން ސްޕޮންސާއަކީ ކޮރަލް ޓްރާންސްފާއެވެ. ކޯ ސްޕްންސާއަކީ ކެޕްޓަން މޯލްޑިވްސް އަދި ހަބޭސް ބޮޑުބެރު ގްރޫޕެވެ. ބެވަރޭޖް ޕާޓްނާއަކީ ސެކަންޑްހޯމް ރެސްޓޯރެންޓެވެ. މުބާރާތުގެ މީޑީޔާ ޕާޓްނާއަކީ ޚަބަރު އޮންލައިން އެވެ.

މިމުބާރާތަކީ އއ.މަތިވެރި މަތިވެރީ އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އަދި އަންބަރު ގްރޫޕުން ގުޅިގެން ލީގު އުސޫލުން ކުރިއަށް ގެންދާ 3 ލެގުގެ މުބާރާތެކެވެ. މަރިވެރި އަންބަރު ގްރޫޕް އަދި މަތިވެރި އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އެރަށުގެ އިޖުތިމާއީ، އަދި ތަރައްޤީގެ ގިނަ ކަންކަމުގައިވެސް އަމަލީގޮތުން ބައިވެރިވާ އެރަށުގެ ޒުވާނުން ހިމެނޭ ދެ ގްރޫޕެކެވެ. ރަށުގެ ތަރައްޤީގެ ކަންކަމުގެ އިތުރުން ޒުވާނުންގެ ތަރައްޤީއަށްޓަކައިވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މަތިވެރީގައި ހިންގޭ ގިނަ ތަރައްޤީގެ ކަންކަމުގައިވެސް މި ދެ ގްރޫޕުގެ ޝާމިލުވުންބޮޑެވެ. އަމިއްލަ އިސްނެގުމަށްވެސް ރަށުގެ ކުރިއެރުމަށް މި ދެ ގްރޫޕުންވަނީ މުހިންމު މަސައްކަތް ތަކެއްކޮށްފައެވެ.

މަތިވެރީގެ ޒުވާނުންނާއި ރަށުގެ އިޖުތިމާއީ ކަންކަން ދިރުވައި އާލާކުރުމަށް ކުރިއަށް އޮތް ތަނުގައިވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް މި ދެގްރޫޕޫން ވަނީ ގިނަ ކަންތައްތަކެއް ރާވާފައެވެ. ކޯވިޑް-19 އާއި ގުޅިގެން ކުރަންރޭވި ގިނަ ކަންތައްތަކެއް މަޑު ޖެހުނު ނަމަވެސް އަނެއްކާވެސް އެމަސައްކަތް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މަރިވެރި އަންބަރު ގްރޫޕް އަދި މަތިވެރި އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އަކީ މަތިވެރީގައި ކުޅިވަރު މުބާރާތްތަކުގެ އިތުރުން ޤުރުއާން މުބަރާތްތަކާއި، މަދަހަ މުބާރާތްތަކާއި، އެކި އުމުރުފުރާތަކަށް ހޭލުންތެރިކަމުގެ ގިނަ ޕްރޮގުރާމުތައް ހިންގަމުންދާ ދެ ގްރޫޕެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.