ބޮލީވުޑްގައި އަރަމުން އަންނަ ތަރި ޖާންވީ ކަޕޫރު، ހެދުމެއް ލުމަށް އުދަނގޫވެގެން އޭނާގެ ޓީމުން އެހީތެރިވެދޭ މަންޒަރު ދައްކައިދޭ ފޮޓޯއެއްވަނީ އިންސްޓްގްރާމުގައި އާއްމުވެ ފައެވެ.
މިފޮޓޯ ބެލުންތެރިންނާއި ހިއްސާކޮށްފައިވަނީ ޖާންވީއެވެ. "ކުރިއާއި މިހާރު" ޖަހާފައި މި ފޮޓޯ ހިއްސާކޮށްފައިވާއިރު ފުރަތަމަ ފޮޓޯއިން ފެނިގެންދަނީ އޭނާ ރަތް ކުލައިގެ ހެދުމެއް ލައިގެން އިންދާއެވެ. އަދި ސްޓައިލިސްޓު އިސްތަށިގަނޑު ރީތި ކުރަމުން ގެންދިޔައިރު ޖާންވީ އިނީ ކާށެވެ. ދެވަނަ ފޮޓޯއިން ފެނިގެންދަނީ ޖާންވީ ރިހި ކުލައިގެ ހެދުމެއް ލުމަށް އުދަނގޫވެގެން އުޅޭތަނެވެ. އަދި އޭނާގެ ޓީމުން އޭނާއަށް އެހީތެރިވަމުންދާ މަންޒަރުވެސް މި ފޮޓޯއިން ފެނިގެނެ ދެއެވެ.
މިފޮޓޯއަށް ގިނަ ބެލުންތެރިންގެ ސަމާލުކަން ވަނީ ހޯދާފެއެވެ. އެގޮތުން މިހާތަނަނަށް 5 ލައްކައަށް ވުރެ ގިނަ ލައިކްސް މި ފޮޓޯއަށްވަނީ ލިބިފައެވެ. މި ފޮޓޯ އަށް ލިބިފައިވާ ކޮމެންޓުތަކަށް ބަލައިލާއިރު ޖާންވީގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށްވާ އަރްހާންގެ ކޮމެންޓުގައި ވަނީ " ރީލް ލައިފް ވީއެސް ރިއަލް ލައިފް" އެވެ. އަދި މީގެ އިތުރުން މުރްނާލް ޓާކުކުރްވެސް ވަނީ "ހައްހާހާހާ" ކޮމެންޓުކޮށްފަ އެވެ. އަދި ގިނަ ފޭނުންގެ ތައުރީފުވެސް ވަނީ ޖާންވީގެ މި ފޮޓޯ އަށް ލިބިފައިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ޖާންވީ ވަނީ އޭނާގެ ފިލްމް "ގުޑް ލަކް ޖެރީ" ގެ ޝޫޓު ލަސްވުމާ ގުޅިގެން މުމްބާއީއަށް އެނބުރި ގޮސްފައިއެވެ. މިއީ މި ފިލްމުގެ ޝޫޓީން ހުއްޓާލަން ޖެހުނު ތިންވަނަ ފަހަރެވެ. މި ފިލްމުގެ ޝޫޓިން ހުއްޓާލަންޖެހުނީ ޕަޓިއާލާގެ ދަނޑުވެރިން މުޒާހަރާތަކާ ގުޅިގެންނެވެ. ދަނޑުވެރިން ބުނެފައިވާ ގޮތުގައި ފިލްމުގެ ޝޫޓިން ކުރިއަށް ދެވޭނީ ޖާންވީ އެމީހުންނާއި އެއްކޮޅަށް ބަޔާންދިނުމުންނެވެ.
ޖާންވީ ވަނީ ނެޓްފްލިކްސް ސީރީސްއެއްކަމަށްވާ " ފެބިއުލަސް ލައިފް އޮފް ބޮލީވުޑް ވައިވްސް" އިން މެހެމާނެއްގެ ގޮތުގައި ފެނިގެންގޮސްފަ އެވެ. މީގެ އިތުރުން ޖާންވީގެ އެންމެ ފަހުގެ ފިލްމު "ގުންޖަން ސަކްސޭނާ ދަ ކާގިލް ގާރލް" ވަނީ ގިނަ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައެވެ. މި ފިލްމުން ޖާންވީ ފެނިގެންދިޔައީ އިންޑިއާގެ އެއާ ފޯރސްގެ ފުރަތަމަ އަންހެން ޕައިލެޓެއްގެ ގޮތުގައިއެވެ. އަދި މި ފިލްމުގައި ދައްކައިދެނީ 1999 ގެ ކާގިލް ހަނގުރާމައިގައި ގުންޖަން ސަކްސޭނާ ކޮށްފައިވާ މަސައްކަތެވެ.
މީގެ އިތުރުން "ދޯސްތާނާ 2″ އަދި ކަރަން ޖޯހަރްގެ ހިސްޓޮރިކް ޑްރާމާ "ތަޚްތު" އިންވެސް ޖާންވީ ފެނިގެން ދާނެއެވެ. މި ފިލްމުގައި ޖާންވީގެ އިތުރުން ރަންވީރް ސިންގ، ކަރީނާ ކަޕޫރް ޚާން، ވިކީ ކޯޝަލް، އާލިއާ ބަޓް، އަނިލް ކަޕޫރު ގެ އިތުރުން ބޫމީ ވެސް ފެނިގެންދާނެއެވެ.