ރިވިއުކުރަން ހުށަހެޅި ދީބާޖާ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަނީ

ރިވިއުކުރަން ހުށަހެޅި ދީބާޖާ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަނީ

Author
މުޙައްމަދު ޝަޒައިމް
13 އޮކްޓޯބަރ 2020 08:55
0

ދީބާޖާ މައްސަލާގައި ސްޕްރީމްކޯޓުން ކޮށްފައިވާ ޙުކުމާމެދު ޢާންމުންގެ ކަންބޮޑުވުން އޮތްކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ އެމައްސަލަ ރިވިއުކުރުމަށް ސުޕްރީމްކޯޓަށް އެޓާނީ ޖެނެރަލް ހުށަހެޅުއްވި މައްސަލަ މާދަމައަށް ތާވަލް ކޮށްފި އެވެ.

ދައުލަތުން ހުށަހެޅި މި މައްސަލަ ހުށަހެޅުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދީފައިވަނީ މިދިޔަ މާޗުމަހުގެ ތެރޭގަ އެވެ. މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ސްޕްރީމްކޯޓުގައި ތާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު 10 ޖަހާ އިރަށެވެ.

ދީބާޖާ އިންވެސްޓްމަންޓަށް ދައުލަތުން ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށް ނިންމި ނިންމުން މަޑުޖައްސާލައި އެ މައްސަލަ ސުޕްރީމް ކޯޓްގައި މުރާޖަޢާކުރަން ދެންނެވުމަށް ބަނޑާރަ ނާއިބަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ފާސްކޮށްފައެވެ. މިގޮތަށް ފާސްކޮށްފައި ވަނީ މިދިޔައަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު މި މައްސަލަ ދިރާސާކުރި މާލިއްޔަތު ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހައި 65 މެމްބަރުންގެ ވޯޓުންނެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއި އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލައިފައެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް ކޯޓުން ބޭރުން މި މައްސަލަ ހައްލުކޮށް 348 މިލިއަން ރުފިޔާގެ ބަދަލުގައި 174 މިލިއަން ރުފިޔާ ދީބާޖާއަށް ދިނުމަށް ރައީސް އުފެއްދެވި ސެޓްލްމަންޓް ކޮމިޓިން ވަނީ ނިންމާފައެވެ.

ދީބާޖާއަށް މިހާތަނަށް ބަދަލުގެ ގޮތުގައި އެއްވެސް ފައިސާ ދީފައި ނުވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.