ހައިޑްރޯގްރެފިކް ސަރވޭއަށް އިންޑިއާގެ ނޭވީ ޝިޕް "ދަރްޝަކް" އަތުވެއްޖެ

ހައިޑްރޯގްރެފިކް ސަރވޭއަށް އިންޑިއާގެ ނޭވީ ޝިޕް "ދަރްޝަކް" އަތުވެއްޖެ

Author
މުޙައްމަދު ޖިމީ
31 ޖެނުއަރީ 2021 12:41
0

އެމްއެންޑީއެފާއި އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ފެށުމަށް ހަމަޖެހިފައިވާ، ރާއްޖޭގެ ނެވިގޭޝަން ޗާޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް އިންޑިއަން ނޭވީ ޝިޕް "ދަރްޝަކް"، މިއަދު ރާއްޖެ އަތުވެއްޖެއެވެ.

އިންޑިއަން ނޭވީ ޝިޕް "ދަރްޝަކް" ރާއްޖެއަށް ކުރަމުންދާ ސަރވޭ ދަތުރުގައި، މިއަދުން ފެށިގެން އަންނަ މާރިޗް 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހަރަކާތްތެރިވާނެއެވެ. ދިވެހިރާއްޖޭގެ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޓަކައި ކުރަން ރާވާފައިވާ މި މަސައްކަތަކީ، ކަމާ ގުޅުންހުރި ރާއްޖޭގެ އިދާރާތަކުގެ ފުރިހަމަ ބައިވެރިވުމާ އެކު މި މުއްދަތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސަރވޭއެކެވެ.

2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާއި ގުޅިގެން ރާއްޖޭގައި ކުރަމުންދާ ހައިޑްރޮގްރެފިކް ސަރވޭއަކީ ދިވެހިރާއްޖޭގައި ނިޔަމިކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި، ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރުމާއި، އެންކަރޭޖް އަދި އެޕްރޯޗް ޗާޓު ހެދުމަށްޓަކައި ކުރެވޭ ސަރވޭއެކެވެ. މިފަދަ ސަރވޭއެއްގެ އަލީގައި، ރާއްޖޭގައި އެންމެ ގިނައިން ހިނގާ ކަނޑުމަތީގެ ހާދިސާކަމުގައިވާ ފަރަށް އެރުންފަދަ ހާދިސާތައް މަދުކުރެވި، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރެވި އޮޑިވެރިންނަށް ލިބޭ ގެއްލުން ކުޑަކުރެވޭނެއެވެ. އަދި މި މަސައްކަތުގެ ސަބަބުން އިންޝުއަރެންސް ކްލެއިމްތައް ލީގަލައިޒްކުރެވުމާއި، އިޤްތިޞާދު ފުޅާކުރުމަށް ބޭނުންވާ މަޢުލޫމާތު ލިބިގެންދާނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާކުރުމަށް ބޭނުންވާނެ މަޢުލޫމާތާއި ކޯސްޓަލް ޒޯން މެނޭޖްމަންޓް ފަދަ މުހިންމު މަސައްކަތްތަކަށް ބޭނުންވާނެ މަޢުލޫމާތު ވެސް ލިބިގެންދާނެއެވެ.

މި ސަރވޭ ކުރުމަށް ހަމަޖެހިފައިވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ. މިގޮތުން، މި މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅުން ފެށިގެން ށ.އަތޮޅާ ހަމައަށެވެ. މި ސަރވޭގައި ހދ. ކުޅުދުއްފުށި އިންޓަރނޭޝަނަލް ސީޕޯޓްގެ ލާޖް ސްކޭލް އެޕްރޯލް ޗާޓު ވެސް ހިމެނިގެންދާނެއެވެ. ރާއްޖޭގެ އިންޓަރނޭޝަނަލް ޕޯޓްތައް ހުރި ސަރަޙައްދުތަކުގެ ތެރޭގައި ލާޖް ސްކޭލް ޗާޓް ޕަބްލިޝްކުރެވިފައިވަނީ މާލޭގެ ސަރަޙައްދުގެ އިތުރުން އައްޑޫ އަތޮޅާއި އިހަވަންދިޕޮޅުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.