ރާއްޖެ އަށް ޑިމްކޮރަސީ ގެންނަން ހިތްވަރު ލިބުނީ އިންޑިއާގެ މިނިވަން ކަމުގެ ބާނީ މަހާތުމާ ގާންދީގެ އުސޫލުތަކުގެ ސަބަބުން ކަމަށް ކުރީގެ ރަައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ މިނިވަން ކަމުގެ ބާނީ މަހާތުމާ ގާނދީގެ އުފަންދުވަހާއި ގުޅިގެން މަޖިލީހުގެ ރައީސް، މުހަންމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެމްޑީޕީން އޭރު ކުރި ކެންޕެއިންގައި ގާންދީގެ އުސޫލުތަކުން ހިތްވަރު ހޯއްދެވި ކަމަށެވެ. އެގޮތުން ހަމަނުޖެހުމެއް ނުހިންގާ މަދަނީ ބަސް ނޭހުންފަދަ ގާންދީ ގެންގުޅުއްވި އުސޫލުތަކުން ހިތްވަރު ހޯއްދެވި ކަމަށް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެ މަސައްކަތުގެ ނަތީޖާއެއްގޮތުން ރާއްޖެއަށް ޑިމޮކްރަސީގެ ހަމަތައް ހިމެނޭ ގާނޫނު އަސާސީއެއް ލިބިގެންދިޔަ ކަމަށެވެ. އެ ގާނޫނު އަސާސީގެ ދަށުން ފުރަތަމަ ފަހަރަށް މިނިވަން އަދި ޑިމޮކްރަޓިކް އިންތިހާބެއް 2008 ވަނަ އަހަރު ބޭއްވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ޤައުމުގެ ކަންކަން ބަދަލުވެފައިވާއިރު، މިހާރު ކުރަން ޖެހިފައިވާ އެންމެ މުހިންމު ކަމަކީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ، އިންސާނީ ޙައްޤުތަކާއި، އަސާސީ ޙައްޤުތައް ޙިމާޔަތް ކުރުމާއި ރައްކާތެރިކޮށްދިނުންކަމަށާއި، އޭގެ ތެރެއިންވެސް އެންމެ އިސްކަން ދޭންޖެހިފައިވަނީ، ދިރިހުރުމުގެ ޙައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ޙިމާޔަތް ކޮށްދިނުންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ގާންދީގެ ހަނދާތައް އާކޮށް ޓްވީޓް ކުރައްވާފައިވާއިރު، މިސަރުކާރާއި އިންޑިޔާއާއި ދެމެދު ވަރަށް ގާތް ގުޅުމެއް ވަނީ ގާއިމްކޮށްފައެވެ. ސަރުކާރުގެ ގިނަ މަޝްރޫޢުތަކާއި، ޕްރޮޖެކްޓްތައް އިންޑިޔާ ސަރުކާރުން ކުރަމުންދާއިރު އިދިކޮޅު ފަރާތްތަކުގެ ގިނަ ފާޑުކިޔުންތަކެއްވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ