ކުމުންދޫގެ ބައެއް މައިޒާންތަކުގައި ރޯކޮށް ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ޖަހާފައިވާ މަގުބައްތި ތަކަށް ބަޔަކު ގެއްލުންދީފި އެވެ.
ރޭގެ ވަގުތެއްގައި އަލިފާން ރޯކޮށްލާފައި ވަނީ ދާދިފަހުން އެރަށުގެ ޒުވާނުން ރަށުގެ ހުޅަނގުދެކުނު ފަރާތުގައި ހަދާފައިވާ "ކިނާރާފަންނު" މައިޒާނަށެވެ. އެގޮތުން މައިޒާނުގައި ފަނުން ހަދާފައިވާ އުނދޯލިގެއާއި ހަޓް ތަކުގައި ރޯކޮށް އެތަންތަން ބޭނުން ނުކުރެވޭވަރަށް ވަނީ އަންދާލާފައެވެ.

ކުމުންދޫގެ ޖަމިއްޔާއެއް ކަމަށްވާ ޔޫތު ސްޕޯޓްސް އިން ބުނީ މިފަދަ މައިޒާންތަކަކީ ޒުވާނުންގެ ބުރަ މަސައްކަތުންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު، ރަށުގެ އެންމެން ހިތްއުފާކޮށްލަން ހެދިފައި ހުންނަ ތަންތަން ކަމަށް ވާއިރު މިފަދަ ގޮތަކަށް ދެވޭ ގެއްލުމަކީ ސީދާ ރައްޔިތުންނަށް ދެވޭ ގެއްލުމެއް ކަމަށެވެ. އަދި މިއީ ނާތަހުޒީބު ދަށުދަރަޖައިގެ އަމަލުތަކެއް ކަމަށާއި މިފަދަ އަމަލުތަކުން ދުރުވާން ޖެހޭކަމަށް އެރަށު ކައުންސިލުންވެސް ވަނީ ބުނެފައެވެ.
މިކަން ހިންގީ ކޮންބައެއް ކަން އަދި މިހާތަނަށް ނޭނގުނު ނަމަވެސް މިބަޔަކު ހޯދައި ހައްޤު އަދަބު ދިނުމަށް ކުމުންދޫ ޔޫތު ސްޕޯޓްސް ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.
މައިޒާނުގައި އަލިފާން ރޯކޮށްލުމުގެ އިތުރުން، ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު އެރަށުގައި ޖަހާފައިވާ ބައެއް މަގުބައްތިތަކަށްވެސް ގެއްލުންދީފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ.

ކުމުންދޫގެ ރައްޔިތުން، ހާއްސަކޮށް ޒުވާނުން އިސްނަގައިގެން އެރަށުގައި ފަހަކަށް އައިސް ރީތި އެތަށް މައިޒާން ތަކެއް ވަނީ ހަދާފައެވެ. އަދި އެމައިޒާންތައް ބަލާލައި ހިތްއުފާކޮށްލަން ކައިރި އެހެން ރަށް ރަށުންވެސް އެރަށަށް މީހުން ދާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ