ކޮރަލް މަތިވެރި ފުޓްސަލް ލީގު: ސެކަންޑު ހޯމް، ވޭލިއަންޓު ހިފަހައްޓައިފި

ކޮރަލް މަތިވެރި ފުޓްސަލް ލީގު: ސެކަންޑު ހޯމް، ވޭލިއަންޓު ހިފަހައްޓައިފި

Author
މުޙައްމަދު ޝަޒައިމް
30 ޖެނުއަރީ 2021 11:12
0

ކޮރަލް މަތިވެރި ފުޓްސަލް ލީގުގެ ފަހު ބުރުގައި ރޭ ކުޅުނު ފަހު މެޗުގައި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވޭލިއަންޓަށް މޮޅުވިޔަ ނުދީ ސެކަންޑް ހޯމް ރެސްޓޯރެންޓުން ހިފަހައްޓައިފިއެވެ.

މުބާރާތުގެ ފައިނަލް ބުރަށް ހުޅުވާލި ޓްރާސްފާ ތަކާއިއެކު ގެނައި ބަދަލު ތަކުގެސަބަބުން ސެކަންޑް ހޯމް ރެސްޓޯރެންޓުވެސް ވަނީ ވަރުގަދަކޮށްފައެވެ. ރޭގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ބަލާ ހިތްވާކަހަލަ ކުޅުމެއް ފެނިގެންދިޔައިރު، ސެކަންޑް ހޯމްގެ ނުރައްކާތެރި ހަމަލާތައް މަތަ ކުރުމުގައި ވޭލިއަންޓްގެ ކީއްޕަރުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

މިމެޗު ނިމުނީ 1 ލަޑު 1 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގައި ވޭލިއަންޓަށް ގޯލު ކާމިޔާބު ކޮށްދިނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންދާ އުންމީދީ ޒުވާން ކުޅުންތެރިޔާ އަލީ އަލްސަން އެވެ. ސެކްންޑް ހޯމް ރެސްޓޯރެންޓުގެ ލަނޑު ޖެހީ މުހައްމަދު އިސްމާއިލް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މެޗުގައި ގިނަ ހަމަލާތަކެއް ދިފާއުކުރި ވޭލިއަންޓުގެ ކީއްޕަރު ޒިޔާހު އެވެ.

މުބާރާތުގެ ފަހު ބުރުގައި ޓީމުތަކުން ނެރޭ ނަތީޖާތަކަށް ބަދަލު އައިސްފައިވަނީ ފަހުބުރުގެ ޓްރާސްމާ މާކެޓްގައި ޓީމުތަކުން ގެނައި ބަދަލު ތަކުގެ ސަބަބުންނެވެ. މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން ކޮންމެ ޓީމެއްގައިވެސް މެޗު ކުޅޭއިރު ދަނޑު މަތީގައި 35 އަހަރުން މަތީގެ ކުޅުންތެރިޔަކު ހުންނަންޖެހެއެވެ. މުބާރާތް އިންތިޒާމު ކުރާ ފަރާތުން ބުނެފައިވަނީ މިކަމުގެ މަގުސަދަކީ އުމުރުން ދުވަސްވީ މީހުންނަށްވެސް ފުރުސަތު ދިނުމެވެ.

މިމުބާރާތުގެ މެއިން ސްޕޮންސާއަކީ ކޮރަލް ޓްރާންސްފާއެވެ. ކޯ ސްޕްންސާއަކީ ކެޕްޓަން މޯލްޑިވްސް އަދި ހަބޭސް ބޮޑުބެރު ގްރޫޕެވެ. ބެވަރޭޖް ޕާޓްނާއަކީ ސެކަންޑްހޯމް ރެސްޓޯރެންޓެވެ. މުބާރާތުގެ މީޑީޔާ ޕާޓްނާއަކީ ޚަބަރު އޮންލައިން އެވެ.

މިމުބާރާތަކީ އއ.މަތިވެރި މަތިވެރީ އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އަދި އަންބަރު ގްރޫޕުން ގުޅިގެން ލީގު އުސޫލުން ކުރިއަށް ގެންދާ 3 ލެގުގެ މުބާރާތެކެވެ. މަރިވެރި އަންބަރު ގްރޫޕް އަދި މަތިވެރި އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އެރަށުގެ އިޖުތިމާއީ، އަދި ތަރައްޤީގެ ގިނަ ކަންކަމުގައިވެސް އަމަލީގޮތުން ބައިވެރިވާ އެރަށުގެ ޒުވާނުން ހިމެނޭ ދެ ގްރޫޕެކެވެ. ރަށުގެ ތަރައްޤީގެ ކަންކަމުގެ އިތުރުން ޒުވާނުންގެ ތަރައްޤީއަށްޓަކައިވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މަތިވެރީގައި ހިންގޭ ގިނަ ތަރައްޤީގެ ކަންކަމުގައިވެސް މި ދެ ގްރޫޕުގެ ޝާމިލުވުންބޮޑެވެ. އަމިއްލަ އިސްނެގުމަށްވެސް ރަށުގެ ކުރިއެރުމަށް މި ދެ ގްރޫޕުންވަނީ މުހިންމު މަސައްކަތް ތަކެއްކޮށްފައެވެ.

މަތިވެރީގެ ޒުވާނުންނާއި ރަށުގެ އިޖުތިމާއީ ކަންކަން ދިރުވައި އާލާކުރުމަށް ކުރިއަށް އޮތް ތަނުގައިވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް މި ދެގްރޫޕޫން ވަނީ ގިނަ ކަންތައްތަކެއް ރާވާފައެވެ. ކޯވިޑް-19 އާއި ގުޅިގެން ކުރަންރޭވި ގިނަ ކަންތައްތަކެއް މަޑު ޖެހުނު ނަމަވެސް އަނެއްކާވެސް އެމަސައްކަތް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މަރިވެރި އަންބަރު ގްރޫޕް އަދި މަތިވެރި އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އަކީ މަތިވެރީގައި ކުޅިވަރު މުބާރާތްތަކުގެ އިތުރުން ޤުރުއާން މުބަރާތްތަކާއި، މަދަހަ މުބާރާތްތަކާއި، އެކި އުމުރުފުރާތަކަށް ހޭލުންތެރިކަމުގެ ގިނަ ޕްރޮގުރާމުތައް ހިންދަމުންދާ ދެ ގްރޫޕެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.