އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާއި ހަވާލު ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ)އާއި އެޕާޓިގެ ނާއިބު ރައިސް އިބްރާހީމް ޝުޖާޢު (ބާރަށު ޝުޖާ) އަކީ މުޖުތަމަޢުއަށް ހުރި ނުރައްކަލެއްކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިގޮތަށް ބުނެފައިވަނީ އިއްޔެ ކްރިމިނަލް ކޯޓުގައެވެ. އިދިކޮޅު ކޯލިޝަނުން މިހާރު ސިލްސިލާކޮށް ކުރިއަށްގެންދާ އިޙްތިޖާޖުގެ ތެރެއިން، އެދެމީހުން ހައްޔަރުކުރުމަށްފަހު، މުއްދަތު ޖެހުމަށް އިއްޔެ ކޯޓަށް ޙާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކާއެކު އެދެމީހުން ދޫކޮށްލާފައެވެ. އެމީހުން ދޫކޮށްލި ކޯޓު ޢަމުރުގައި ވަނީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ޓްރެފިކަށް ދަތިކުރުމަށް ކުރި މަސައްކަތުގެ ހެކި ހުރިނަމަވެސް، އެމީހުން ދޫކޮށްލީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާޢީ އިޖުރާޢަތުގެ ޤަވާއިދުގެ ދަށުން ބަންދުގައި ބަހައްޓަަންޖެހޭ ޙާލަތަށް ނުފެތޭތީކަމަށެވެ. އަދި އެދެމީހުންގެ ފަރާތުން މުޖުތަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންނަމަވެސް އެފަދަ ސަބަބެއް ފުލުހުންނަށް ދެއްކިފައިނުވާކަމަށް ކޯޓް ޢަމުރުގައިވެއެވެ.
އިދިކޮޅުގެ މުޒާހަރާގެ ތެރެއިން އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ދޫނިދޫއަށްވެސް ގެންގޮސްފައިވެއެވެ. އަދި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ޙާޒިރުކުރުމުން ކޯޓުން ވަނީ އެދެމީހުން ދޫކޮށްލާފައެވެ. އެމީހުން ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއެކުއެވެ. އެގޮތުން މާލެއިން ބޭރަށް ފުރާއިރު ލިޔުމުން ފުލުހުންގެ ހުއްދަ ހޯދުމާއި، ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމާއި، މިހާރު އުޅޭ އެޑްރެހާއި ފޯނު ނަމްބަރު ބަދަލުވެއްޖެ ނަމަ ފުލުހުންނަށް އެންގުން ހިމެނެއެވެ. އަދި އެ ޝަރުތުތަކުގެ މުއްދަތަކީ 30 ދުވަހެވެ.
އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ އިޙްތިޖާޖަކީ ސުލްހަވެރިކޮށް ކުރިއަށްގެންދާ އިހުތިާޖުތަކެއްކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ. އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރަމުންދަނީ ސީދާ ހަރަކާތަށް ނުކުންނާނެކަމުގެ އިންޒާރު ދުރާލާ ދިނުމަށްފަހުއެވެ. އިދިކޮޅު ކޯލިޝަނުން މާލޭގައި މިހާރު ކުރަމުންދާ މުޒާހަރާތަކަކީ އެކޯލިޝަންގެ ކައުންސިލުން ނިންމާފައިވާ ސީދާ ހަރަކާތުގެ ތެރެއިން ހިންގަމުންދާ ހަރަކާތްތަކެކެވެ.
އެގޮތުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލުހުކުމް ހައިކޯޓުން ދެމެހެއްޓުމުން އެޕާޓިން މުޒާހަރާކުރަން ނިންމީއެވެ. މުޒާހަރާގެ ބައިވެރިން ދަނީ ސަރުކާރަށް ފާޑުކިޔާ އަޑުފުލަމުންނެވެ. މިއަދުވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މުޒާހަރާ ކުރިއަށް ގެންދިޔައެވެ.
ކޮމެންޓު ފޮނުވާ