ރަށްވެހިކަން ބަދަލުކުރެވޭނެ އެންމެ ފަހު ތާރީޚަކީ ފެބުރުއަރީ 8 : އީސީ

ރަށްވެހިކަން ބަދަލުކުރެވޭނެ އެންމެ ފަހު ތާރީޚަކީ ފެބުރުއަރީ 8 : އީސީ

Author
މުޙައްމަދު ޖިމީ
29 ޖެނުއަރީ 2021 05:38
0

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުން ރަށްވެހިކަން ބަދަލު ކުރަން ނުވަތަ އެޑްރެސް ބަދަލުކުރާނަމަ އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިނ އެކަން ނިންމެވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިަބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. އީސީން މިއަދު އާންމުކުރި އިޢުލާނެއްގައި ވަނީ، އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލައި، ރަޖިސްޓަރީ ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެދާތީ، ރަށްވެހިކަން ބަދަލު ކުރަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ
ފަރާތްތަކުން، އަންނަ ފެބުރުއަރީ މަހުގެ 8 ވާ ބުދަ ދުވަހުގެ ކުރިން ރަށްވެހިކަން ބަދަލުކޮށް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ނިންމުމަށް އިލްތިމާސްކުރާކަމަށެވެ.

އަދި އެ ތާރީޚްއަށް ފަހު ވޯޓުލާމީހުންގެ ރަޖިސްޓަރީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެތީ ރަށްވެހިކަން ބަދަލުވެފައިވާ އަދި އެޑްރެސް ބަދަލުކޮށްފައިވާ ފަރާތްތައް ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާ މުއްދަތުގައި ޝަކުވާ ހުށަހަޅައިގެން އިސްލާޙްކުރުމަށް ވެސް އެކޮމިޝަނުން ވަނީ އަންގާފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުން ރަށްވެހިކަން ބަދަލުކުރުން އަންނަ މަހުގެ8 އާއި ހަމައަށް ދީފައިވާާއިރު، އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު އަންނަ މަހުގެ11 އާއި ހަމައަށް ދިނުމަށް ވަނީ ނިންމާފައެވެ.

މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 4ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިޚާބު ކޯވިޑާއި ގުޅިގެން އެ މުއްދަތުގައި ނުބޭއްވުމުން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ސަންސެޓް ޤާނުނުގެ ގޮތުގައި މަޖިލީހުން ހާއްސަ ޤާނުނެއް ފާސްކުރިއެވެ.
އެޤާނޫނުގައި ބުނެފައިވަނީ އެ ޤާނުނަށް އަމަލުކުރާތާ އެއްއަހަރު ދުވަހުގެތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެކަމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ މެއިމަހުގެ 9 ވަނަދުވެހެވެ. އިލެކްޝަންސް ކޮމިޝަނުން ވިދަޅުވެފައިވަނީ، މެއި މަހުގެ 9 ވަނަދުވަހަށްވުރެ އިންތިޙާބު ފަސްކުރުމުގެ ބާރު ކޮމިޝަނަށްނެތްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.