ޔޫވީ އަތުން އީގަލްސްއަށް މުހިންމު މޮޅެއް

ޔޫވީ އަތުން އީގަލްސްއަށް މުހިންމު މޮޅެއް

Author
މުޙައްމަދު ޝަޒައިމް
29 ޖެނުއަރީ 2021 10:00
0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) 3-2 އިން ބަލިކޮށް ކްލަބް އީގަލްސް އިން ދެ ވަނަ ބުރު މޮޅަކުން ފަށައިފިއެވެ.

ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ފުރުސަތު ގިނައިން ލިބުނީ އީގަލްސް އަށެވެ. ޔުނައިޓެޑް ވިކްޓްރީ އަށް ފުރަަތަމަ ހާފުގައި ލިބުނު ހަމައެކަނި ރަނގަޅު ފުރުސަތުގެ ބޭނުންހިފައި މެޗުގެ 44 ވަނަ މިނިޓްގައި އެ ޓީމުގެ ލަނޑު ޖެހީ ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަަކަށް ކުޅެފައިވާ އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ. އީގަލްސްގެ މޮންޓެނެގްރޯ ގޯލްކީޕަރު މިލާން ޔެލޮވަކާއި ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) އަށް ހެދުނު ގޯހަކުން ހުސްކޮށް ލިބުނު ބޯޅައެއް ނިޒާމްބެ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މެޗަށް ނުކުތް އިރު އީގަލްސް އިން އެ ޓީމަށް ގެނައި ބުރްކީނާ ފާސޯގެ ޑިފެންޑަރު އިސްމާއިލް ޔަނޯގޯ އަށް ފުރުސަތު ދިންއިރު، ލީގުގައި މީގެ ކުރިން ޔުނައިޓެޑް ވިކްޓްރީން ކުޅުނު ހުރިހާ މެޗެއްގައި އެ ޓީމުގެ ގޯލު ބެލެހެއްޓި ކިރްގިސްތާނުގެ ގޯލްކީޕަރު ރުސްލާން އާމިރޯފްގެ ބަދަލުގައި ހުރީ ޒުވާން ކީޕަރު އަލީ ނާޖިހު އެވެ.

ދެވަނަ ހާފް ފަށައިގެން ހަ މިނިޓް ތެރޭގައި ނަތީޖާ ހަމަހަމަކުރި އެވެ. މެޗުގެ 51 ވަނަ މިނިޓްގައި ނާއިމް ނަގައިދިން ކޯނަރަކުން ހިސާމް ސަލީމް (ކޮކީ) ވަނީ ބޮލުން ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭގެ ފަހުން ނާއިމް ވަނީ އީގަލްސް އަށް ލީޑުނަަގައިދީފަ އެވެ. ހަސަން ރާއިފް އަހުމަދު (ހަންނަ) އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ ހުސްކޮށްލާފައި ނާއިމަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މެޗުގެ 71 ވަނަ މިނިޓްގައި އީގަލްސް އަށް ލީޑުފުޅާކޮށްދިނީ އޮސާމާ އަންބާރު އެވެ. ހަންނަ ހިލޭ ޖެހުމަކުން ނަަގައިދިން ބޯޅަ ހެލްމެޓް ބޮލުން ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްލުމުން ގޯލުގެ ރޮނގުކައިރީގައި ހުރި އޮސާމާ އަންބާރު ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މެޗުގެ 81 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ ކިރްގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް އޭރިއާތެރެއިން ލިބުނު ބޯޅަ ތިރިތިރިން ގޯލުގެ ކަނަށް ފޮނުވާލި އެވެ.

މެޗުން ހޯދި މޮޅާ އެކު އީގަލްސް ހަތް ވަނައިގައި އޮތީ އަށް މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ. ހަ ވަނައިގައި އޮތް ސަސް އަށް ވެސް އަށް މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. ސަސްގެ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ލީގުގައި އެންމެ އަވަހަށް ދެން ކުޅޭ މެޗުތަކުގައި އީގަލްސް ކުޅޭނީ ސަސްއާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.