ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ ހުއްދަ ދީފި

ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ ހުއްދަ ދީފި

Author
މުޙައްމަދު ޖިމީ
28 ޖެނުއަރީ 2021 09:23
0

އެސްޓްރަޒެނެކާއާއި އޮކްސްފޯޑްގެ ކޮވިޝީލްޑް ވެކްސިން ދިނުމުގެ ހުއްދަ ރާއްޖެއަށް ދީފިއެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވަނީ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސް.އައި.އައި) އިން އުފައްދާފައިވާ "ކޮމިޝީލްޑް" ވެކްސިން ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ވަނީ 2021 ޖަނަވަރީ 26 ވަނަ ދުވަހު ދީފައިކަމަށެވެ. މި ހުއްދަ ދީފައިވަނީ ޙާލަތަށް ރިޢާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށްކަމަށެވެ. ދިވެހިރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެ އޮތޯރިޓީން ދީފައިވަނީ، މި ކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކުރުމަށްފަހު، މި އޮތޯރިޓީއަށް ފަންނީ ލަފާދޭ ޓެކްނިކަލް ބޯރޑު ކަމުގައިވާ ނޭޝަނަލް
ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާއި އެކުގައިކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

"ކޮމިޝީލްޑް" އަކީ، އިނގިރޭސިވިލާތުގެ އޮކްސްފަރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ އޮކްސްފޮރޑް-އެސްޓްރާޒެނެކާ ވެކްސިން، އެސް.އައި.އައި. އިން މެނުފެކްޗަރކޮށް ބާޒާރަށް ނެރެފައިވާ ބްރޭންޑް ނަމެކެވެ. އޮކްސްފޮރޑް-އެސްޓްރާޒެނެކާ ވެކްސިންއަކީ އިނގިރޭސިވިލާތުގެ ބްރިޓިޝް މެޑިސިންސް އެންޑް ހެލްތުކެއަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީ 2020 ޑިސެންބަރު 30 ވަނަ ދުވަހު ހުއްދަކޮށްފައިވާ ވެކްސިންއެކެވެ. ބްރިޓިޝް މެޑިސިންސް އެންޑް ހެލްތްކެއަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީއަކީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) ގެ ސްޓްރިންޖެންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އެސް.އާރް.އޭ) ލިސްޓުގައި ހިމެނޭ، އާންމު ޞިއްޙަތުގެ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ އިދާރާއެކެވެ.

ކޮމިޝީލްޑް ބްރޭންޑްގެ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ކުރިން، އޮކްސްފޯރޑް-އެސްޓްރާޒެނެ ވެކްސިންއާއި ވިޟިލްޑް ބްރޭންޑްގެ ވެކްސިންއާ ގުޅޭގޮތުން އެކި ޤައުމުތަކުގެ އިތުބާރުހިދޭ އިދާރާތަކުން ޙިއްޞާކޮށްފައިވާ ލިޔެކިޔުންތައް ދިރާސާކޮށް ބެލިބެލުމުން، މި ދެ ވެކްސިނައަކީ އެއް "ކޮމްޕޮޒިޝަން" އަދި "ފޯމިއުލޭޝަން" އެއްގެ މައްޗަށް ބިނާކޮށް، އުފައްދާފައިވާ އެކައްޗެއްކަން މި އޮތޯރިޓީއަށް ޔަޤީންކުރެވެއެވެ. އެހެންކަމުން، ކޮމިޝީލްޑް ބްރޭންޑްގެ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިނުމުގައި މި ހުރިހައި ކަމަކަށް ރިޢާޔަތްކޮށްފައިވާނެއެވެ.

ކޮމިޝީލްޑް ބްރޭންޑްގެ ވެކްސިންއަށް ހުއްދަ ދޫކޮށްފައި ވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އުމުރުން 18 (އަށާރަ) އަހަރުން މަތީގެ މީހުންނަށް ބޭނުންކުރުމަށެވެ. އަދި ވެކްސިން މާބަނޑު މީހުން ބޭނުންކުރުމުގެ ހުއްދަ ދެވިފައިނުވެއެވެ.

ޢާންމު ގޮތެއްގައި ކޮންމެ ވެކްސިންއަކީ ވެސް، އެ ވެކްސިންއެއް ބޭނުން ކުރުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ "ރިއެކްޝަން، އެއް އައުމުގެ ފުރުޞަތު އޮންނަ އެއްޗެއްކަން ފާހަގަކުރަމެވެ. އެހެންކަމުން، އެމް.އެފް.ޑީ.އޭ.އާއި މިނިސްޓްރީ އޮފް ހެލްތް އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގުޅިގެން މި ވެކްސިން މީހުންނަށް ދިނުމަށްފަހު ކުރިމަތިވެދާނެ ކަންކަން މޮނިޓަރކުރަމުން ގެންދާނެއެވެ.

ވެކްސިންއަކީ ދިވެހިރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ޙާލަތުގައި ބޭނުންކުރުމުގެ ހުއްދަދީފައިވާ ފުރަތަމަ ވެކްސިންއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން އަދި ބައިނަލްއަޤްވާމީ އުސޫލުތަކުގެ ދަށުން ހެލްތް އެމަރޖެންސީ ޙާލަތުގައި ބޭނުންކުރުމަށް އައު ވެކްސިންތަކަށް ހުއްދަ ދޫކުރެވޭ މިންގަނޑުތަކަށް ދިވެހިރާއްޖޭގައި ކޮމިޝީލްޑް ބްރޭންޑްގެ ވެކްސިންއަށް ހުއްދަ ދިނުމުގައި ފުރިހަމައަށް ރިޢާޔަތްކޮށްފައިވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.