ކޮޕާ އިޓާލިއާގެ ކްއާޓަރ ފައިނަލްގައި އެޓަލާންޓާ އާއި ލާޒިއޯ ބައްދަލުކުރިމެޗް ކާމިޔާބުކޮށް މި މުބާރާތުގެ ސެމީފައިނަލުން އެޓަލާންޓާ ޖާގަހޯދައިފިއެވެ.
މިމެޗް އެޓަލާންޓާ ކާމިޔާބުކުރީ 3-2 ލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 7 ވަނަ މިނެޓްގައި ޖަހާދިނީ އެޓަލާންޓާގެ ބެރެޓް ޖިމްސިޓީއެވެ. ނަމަވެސް އޭގެ ދިހަ މިނެޓް ފަހުން ލާޒިއޯގެ ވެދާޓް މުރީގީވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މިއީ ލާޒިއޯއަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި މެޗްގެ 34 ވަނަ މިނެޓްގައި ފްރެންސެސްކޯ އަސޭބީ ޖަހާދިން ލަނޑުން ލާޒިއޯ މިމެޗްގައި ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. ނަމަވެސް ލާޒިއޯއަށް މިލީޑު ދެމެހެއްޓޭވަރުވީ ތިން މިނެޓަށެވެ. މެޗްގެ 37 ވަނަ މިނެޓްގައި އެޓަލާންޓާގެ ރުސްލާން މިލިނޯވްސްކީވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިމެޗްގެ 53 ވަނަ މިނެޓްގައި އެޓަލާންޓާގެ ހޯސޭ ލުއިސް ޕަލޮމީނޯއަށް ރަތް ކަޑު ދެއްކުމުން މެޗްގެ ބާކީ އޮތް ބައި އެޓީމުން ކުޅެމުންދިޔައީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.
މެޗްގެ 57 ވަނަ މިނެޓްގައި އެޓަލާންޓާގެ އެލެކްސީ މިރާންކުޗްވަނީ ލަނޑެއް ޖަހާ މިމެޗުން އެޓީމް މޮޅު ކޮށްދީފައެވެ. މިމެޗްގެ 67 ވަނަ މިނެޓްގައި އެޓަލާންޓާއަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް ޑުވާން ޒަޕާޓާ ފޮނުވާލި ޕެނަލްޓީ ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
މިމޮޅާއެކު އެޓަލާންޓާ މި މުބާރާތުގެ ސެމީ ފައިނަލްގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ އާއި ސްޕެޒިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
ކޮމެންޓު ފޮނުވާ