އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި، އެޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
އިއްޔެގެ މުޒާހަރާގެ ތެރެއިން އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ރޭވަނީ ދޫނިދޫއަށް ގެންގޮސްފައެވެ. އަދި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ޙާޒިރުކުރުމުން ކޯޓުން ވަނީ އެދެމީހުން ދޫކޮށްލާފައެވެ. އެމީހުން ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއެކުއެވެ. އެގޮތުން މާލެއިން ބޭރަށް ފުރާއިރު ލިޔުމުން ފުލުހުންގެ ހުއްދަ ހޯދުމާއި، ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމާއި، މިހާރު އުޅޭ އެޑްރެހާއި ފޯނު ނަމްބަރު ބަދަލުވެއްޖެ ނަމަ ފުލުހުންނަށް އެންގުން ހިމެނެއެވެ. އަދި އެ ޝަރުތުތަކުގެ މުއްދަތަކީ 30 ދުވަހެވެ.
އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ އިޙްތިޖާޖަކީ ސުލްހަވެރިކޮށް ކުރިއަށްގެންދާ އިހުތިާޖުތަކެއްކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ. ރޭގެ އިހުތިޖާޖުގައި އެ ކޯލިޝަންގެ ބައިވެރިއަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރަމުންދަނީ ސީދާ ހަރަކާތަށް ނުކުންނާނެކަމުގެ އިންޒާރު ދުރާލާ ދިނުމަށްފަހުއެވެ. އިދިކޮޅު ކޯލިޝަނުން މާލޭގައި މިހާރު ކުރަމުންދާ މުޒާހަރާތަކަކީ އެކޯލިޝަންގެ ކައުންސިލުން ނިންމާފައިވާ ސީދާ ހަރަކާތުގެ ތެރެއިން ހިންގަމުންދާ ހަރަކާތްތަކެކެވެ.
އެގޮތުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލުހުކުމް ހައިކޯޓުން ދެމެހެއްޓުމުން އެޕާޓިން މުޒާހަރާކުރަން ނިންމީއެވެ. މުޒާހަރާގެ ބައިވެރިން ދަނީ ސަރުކާރަށް ފާޑުކިޔާ އަޑުފުލަމުންނެވެ.
ކޮމެންޓު ފޮނުވާ