ބިދޭސީން ހިންގާ ޖަރީމާތައް ބެލުމުގެ އިޚްތިޞާޞް ނިގުޅައިގަތުމުގެ ބާރު ޕީޖީއަށް ލިބިގެންނުވޭ

ބިދޭސީން ހިންގާ ޖަރީމާތައް ބެލުމުގެ އިޚްތިޞާޞް ނިގުޅައިގަތުމުގެ ބާރު ޕީޖީއަށް ލިބިގެންނުވޭ

Author
މުޙައްމަދު ޖިމީ
28 ޖެނުއަރީ 2021 04:35
0

ދިވެހިރާއްޖޭގެ ޖުރިސްޑިކްޝަން ހިނގާ ސަރަޙައްދުގައި ބިދޭސީން ހިންގާ ޖަރީމާތައް ބެލުމުގެ އިޚްތިޞާޞް ދިވެހި ކޯޓުތަކުން ނިގުޅައިގަތުމުގެ ބާރު ޕްރޮސެކިއުޓަރ ޖެނެރަލަށް ލިބިވަޑައިނުގަންނަވާނެކަމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވަރުގަދަ ރައްދެއް ޕީޖީއަށް ދެއްވައިފިއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު މިގޮތަށް ވިދާޅުވެފައި މިވަނީ، ހުޅުމާލެ އަޒީޒާ މިސްކިތުގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ، މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ މީހާއަށް ދަޢުވާ ނުކޮށް ޑީޕޯޓް ކޮށްލީ ދަޢުވާ ކުރުމަށްވުރެ ޑީޕޯޓްކޮށްލުން މަސްލަޙަތު ބޮޑު ކަމަށް ފެންނާތީ ކަމަށް ޕީޖީ މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ.

އެކަމަށް ރައްދުދެއްވަމުން ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ، ޑީޕޯޓްކުރުމުގެ ނަމުގައި މުޖްތަމަޢަށް ޚިޔާނަތްތެރިވުމަކީ ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރުންކަމަށެވެ.

ދިވެހިރާއްޖޭގެ ޖުރިސްޑިކްޝަން ހިނގާ ސަރަޙައްދުގައި ބިދޭސީން ހިންގާ ޖަރީމާތައް ބެލުމުގެ އިޚްތިޞާޞް ދިވެހި ކޯޓުތަކުން ނިގުޅައިގަތުމުގެ ބާރު ޕީޖީ އަކަށް ލިބިގެން ނުވޭ. ޑީޕޯޓްކުރުމުގެ ނަމުގައި މުޖްތަމަޢަށް ޚިޔާނަތްތެރިވުމަކީ ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރުން.

– ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ

ހުޅުމާލެ އަޒީޒާ މިސްކިތުގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ، މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ މީހާއަށް ދަޢުވާ ނުކޮށް ޑީޕޯޓްކޮށްލަން ނިންމީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ މައްސަލައިގެ ޒާތާއި ބާވަތަށާއި، ލިބިފައިވާ ގެއްލުމާއި، ތުހުމަތުކުރެވޭ މީހާގެ ކުށުގެ ރެކޯޑާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިޢާޔަތް ކުރިއިރު މި މައްސަލާގައި ޖިނާއީ ދަޢުވާއެއް ކުރުމަށްވުރެ މަސްލަޙަތު ބޮޑީ ތުހުމަތުކުރެވޭ ފަރާތް ޑީޕޯޓްކޮށްލުމުން ކަމަށް އެ އޮފީހަށް ފެނުނު ކަމަށެވެ. މި ނިންމުން ނިންމުމުގެ ކުރިން މައްސަލާގައި އަނިޔާލިބުނު ފަރާތާ މަޝްވަރާކޮށް މައްސަލަ ކުރިއަށްގެންދިއުމާމެދު ދެކޭގޮތް ބަލާފައިވާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ކުރާ ކުށްތަކުގެ ބާވަތާއި ލިބުނު ގެއްލުމާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް ކުރިންވެސް ޢަމަލުކުރާ ގޮތް ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ. މީގެ އިތުރުން މިބާވަތުގެ ނިންމުންތައް ނިންމުމުގައި ކުށުގެ ތުހުމަތުކުރެވޭ މީހާ ވަކިޤައުމަކަށް ނިސްބަތް ވުމަކީ ނިންމުމަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

މިސްކިތުގެ ތެރޭގައި އުމުރުން ދުވަސްވީ މީހާއަށް ހަމަލާދިން އިންޑިއާ މީހާ ޑީޕޯޓްކޮށްލާފައި މިވަނީ، އޭނާ ޑީޕޯޓް ކޮށް ނުލައި، އޭނާއާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގިނަބަޔަކު ގޮވާލާފައި ވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.