މާލެ ސަރަހައްދުގައި ކޯވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން، ރޭގަނޑު 20:00އިން ފަތިހު 5:00އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފައި އޮތް ވަގުތައް ބަދަލު ގެނެސްފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ މިހާރު މާލޭ ސަރަހައްދުގައި އެއްގަމު އުޅަނަދު ފަހަރު ދުއްވުން މަނާވާނީ ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 05:00 އަށެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވީ، ދުއްވާ އެއްޗެހި ދުއްވުން މަނާކޮށްފައި އޮތް ވަގުތައް ބަދަލުގެނައި ނަމަވެސް މާލެ ސަރަހައްދުގައި ރޭގަނޑު 22:00ން ފަތިހު 5:00އަށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފައި އޮތް އޮތުމަށް އަދި މަނާ ވާނެކަމަށެވެ.
މާލެ ސަރަހައްދުގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދިޔުމާއި ގުޅިގެން، ރޭގަނޑު 8:00އިން ފަތިހު 5:00އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރީ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުން އިން ފެށިގެންނެވެ.
ނަމަވެސް އޮގަސްޓްމަހުގެ 4ވަނަ ދުވަހު މާލެ ސަރަހައްދުގައި ރޭގަނޑު 22:00އިން ފެށިގެން ފަތިހު 5:00އާ ހަމަޔަށް ބޭރަށް ނިކުމެ އުޅުން މަނާކޮށްފައިވާ ގޮތަށް މިހާރުވެސް މީހުން ބޭރަށް ނިކުމެ އުޅުން މަނާކުރެވިފައިވަނީ ހަމަ އެވަގުތުގެ ތެރޭގައެވެ. އަދި އެވަގުތުތަކުގައި ބޭރަށް ނުކުމެވޭނީ ޒަރޫރީ ބޭނުމަކަށް ކޮންމެހެން ނުކުންނަން ޖެހިގެން ފުލުހުންގެ ހުއްދައާ އެކުކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.
ވޭތުވެދިޔަ 4 މަހުގެތެރެއިން ވަކި މަސްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައެވެ. އެމަހު ވަނީ ޖުމުލަ 4011 މީހަކު ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 3012 ދިވެހިންނާއި 999 ބިދޭސީންނެވެ. މިއީ ކޯވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ޚާއްސަކޮށް ފުރަބަންދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިން ހިސާބުންފެށިގެން އެންމެ ގިނަ މީހުން ޕޮޒިޓިވްވި މަހެވެ.
ކޮމެންޓު ފޮނުވާ