ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ކުރިއަށް ގެންދިޔަ އިޙްތިޖާޖުގެ ތެރެއިން އެއްވުމުގެެ ބައިވެރިއަކަށް ސީރިއަސް އަނިޔާތަކެއްވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ އިހުތިޖާޖުގެ ތެރެއިން ފުލުހުން އަނިޔާކުރުމުގެ ސަބަބުން ހާލު ސީރިއަސްވެފައިވަނީ ޚަދީޖާ ޙުސެއިނަށްކަމަށެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ އޯޑަރަށް ފުލުހުން ލައްވާ ހިންގަމުންދާ ޣައިރު ޤާނޫނީ އަދި އަނިޔާވެރި ޢަމަލުތަކުގެ ތެރެއިން ޢުމުރުން ދުވަސްވެފައިވާ ޚަދީޖާ ޙުސެއިންގެ ބޮލަށާއި ގައިގެ އެކިތަންތަނަށް ކޮށްފައިވާ ބޮޑެތި އަނިޔާތަކުގެ ސަބަބުން މިހާރު އޭނާހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާކަމަށެވެ. އަދި ހިތުގެ ޓެސްޓާއި ސީޓީ ސްކޭން ހަދާ، ޑޮކްޓަރުންދަނީ ލިބިފައިވާ އަނިޔާތައް ޗެކްކޮށް ޓެސްޓު ކުރަމުންކަމަށް ވަނީ ބުނެފައެވެ. އަދި އެޕާޓީގެ ޤާނޫނީ ޓީމުގެ ބޭފުޅުންނާއި އިސްވެރިން މިވަގު ހޮސްޕިޓަލުގައި ތިބިކަން ފާހަގަކޮށް ކޯލިޝަނުން ބުނީ ޚަދީޖާގެ ހާލު ސީރިއަސް ކަމަށެވެ.
މިފުރުސަތުގައި ޚަދީޖާ ޙުސެއިންގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި އަދި އޭނާއަށް އަވަސް ޝިފާއެއް ދެއްވުންއެދި ދުޢާ ކުރަމެވެ.
– ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ނޫސްބަޔާން
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ ސުލްޙަވެރިކަމާއެކު އިޙްތިޖާޖު ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ޙައްޤުތަކަށްވާއިރު، އިދިކޮޅު ޕާޓީން ސަރުކާރު ޒިއްމާދާރުކޮށް ޖަވާބުދާރީ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ސަރުކާރުން ބާރުގެ ބޭނުންކޮށްގެން ހިންގަމުންދާ ޢަމަލުތަކަކީ ޑިމޮކްރެސީގެ އަސާސްތަކާ ޚިލާފު ވަރަށް ލަދުވެތި ޢަމަލުތަކެއްކަމަށެވެ. އެހެންކަމުން މިފަދަ ޢަމަލުތައް ހުއްޓާލުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
އިދިކޮޅު ކުރިއަށްގެންދާ ސީދާ ހަރަކާތުގެތެރެއިން ބައެއް ލީޑަރުންނާއި މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ކޮމެންޓު ފޮނުވާ