އިންތިޚާބަށް ކެމްޕެއިންކުރުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ގައިޑްލައިންގައި ހިމަނައިފި

އިންތިޚާބަށް ކެމްޕެއިންކުރުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ގައިޑްލައިންގައި ހިމަނައިފި

Author
މުޙައްމަދު ޖިމީ
27 ޖެނުއަރީ 2021 10:45
0

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކެމްޕެއިންކުރުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލެކްޝަނސް ކޮމިޝަނަށް ފޮނުވާފައިވާ ގައިޑްލައިންގައި ހިމަނައިފިއެވެ.

ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް އިންތިޚާބު ބޭއްވޭގޮތަށް ޤާނޫނު އިޞްލާހުކޮށްފައިވާއިރު، އިންތިޚާބު ކުރިއަށް ގެންދާނެގޮތުގެ ގައިޑްލައިން އެޗްޕީއޭއިން އެކުލަވާލަންވެސް ޤާނޫނުން ވަނީ ލާޒިމްކޮށްފައެވެ. އެޗްޕީއޭއިން މިހާރު ވަނީ އެ ގައިޑްލައިން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައެވެ. އެގޮތުން ހަރުކަށި ފިިޔަވަޅުތަކާއެކު އިންތިޚާބު ކުރިއަށް ގެންދިއުމަށް އެ ގައިޑްލައިންގައި ބާރު އަޅާފައިވާއިރު، އިންތިޚާބު ބާއްވާނެ ތާރީޚް އީސީން އިއްޔެ އިޢުލާންކުރުމާއެކު ކެމްޕެއިންކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ތަޢާވަލުކޮށްފައިވަނީ އޭޕްރީލް 10 ވަނަ ދުވަހުގައެވެ.

އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިން އަދި ޢާންމުކޮށްފައި ނުވާއިރު، އެ ގައިޑްލައިން ވަނީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން ކެމްޕެއިންކުރުމަށް ނުވަތަ އެއްވުންތައް ބާއްވަންވާނީ އެޗްޕީއޭގެ އުސޫލްތަކާއި އެކުކަމަށާއި، އެގޮތުން ގިނަމީހުން އެއްވާ އެއްވުންތައް ނުބޭއްވުމަށް ވަނީ ބާރުއަޅާފައެވެ. ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ރަށްރަށަށް ދަތުރުކުރާ ނަމަ ކަރަންޓީނުގެ އުސޫލަށް ތަބާވާން ޖެހޭނެކަމްވެސް ބުނެފައިވެއވެ. އެހެންކަމުން ކެނޑިޑޭޓުން ނުވަތަ ސިޔާސީ ޕާޓީތަކުން ކެމްޕެއިނަށް ރަށްރަށަށް ދަތުރުކުރާނަމަ 10 ދުވަހުގެ ކަރަންޓިން މުއްދަތެއް ފުރިހަމަކުރަންޖެހޭނެއެވެ.
އެގައިޑްލައިންގައި އޮންލައިންކޯށް ކެމްޕެއިންކުރުމަށް ބާރު އަޅާފައިވާއިރު، ގޭގެއަށް ޒިޔާރަތް ނުކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ. ޚާއްޞަކޯށް މޮނިޓަރިންގެ ޙާލަތަށް ލާފައިވާ ރަށްރަށުގައި ގޭގެއަށް ޒިޔާރަތް ނުކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

އެޗްޕީއޭއިން އެކުލަވާލި އިންތިޚާބު ބޭއްވުމުގައި ޢަމަލުކުރާނެ ގައިޑްލައިންނާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެފައިވަނީ އެޗްޕީއޭގެ ގައިޑްލައިން އޮތް ގޮތުން އިންތިޚާބު ބޭއްވުމަކީ ދަތިކަމެއްކަމަށެވެ. ނަމަވެސް ގައިޑްލައިނަކީ ރައްޔިތުންގެ ރައްކާތެރިކަމަށް ބަލައި އެކުލަވާލާފައިވާ ގައިޑްލައިނަކަށްވުުން އެކަމަށް އިޚުތިރާމު ކުރާކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިޚާބު ބާއްވާއިރު ޤާނޫނީ ގޮތުން ފުރިހަމަ ވާންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ. އެގޮތުން ކެންޕެއިން ކުރުމުގެ ފުރުސަތު ދިނުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާނެކަމަށެވެ. އޭނާ ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިން މިހާރު އޮތް ގޮތުންވެސް ބަޖެޓުގެ ދަތިކަން އިންތިހާއަށް ހުރިކަމަށެވެ. ޚާއްސަކޮށް ކަރަންޓީންގައި ތިބޭމީހުންނާއި، ޕޮޒިޓިވްވާ މީހުން ވޯޓުލާން ގެނައުން އިލެކްޝަން ކޮމިޝަނުން އިންތިޒާމު ހަމަޖައްސަން ޖެހޭކަމަށެވެ.

ނަމަވެސް އޭނާ ވިދާޅުވީ މިއީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއްނޫންކަމަށެވެ. ޤާނޫނުގައި ބުނާގޮތުން އެއްވެސް މީހަކު ވޯޓުލާން ގެނައުމަކީ އިލެކްޝަނުން ކޮށްގެންވާނެކަމެއްނޫންކަމަށް ބުނެފައިވާކަމަށެވެ. ގައިޑްލައިންގައި ހުރި ކަންބޮޑުވުންތަކުގެ ތެރެއިން ރިސޯޓުތަކުގައި ތިބި މީހުންނަށްވެސް ވޯޓުލުމަށް ގިނަ ހުރަސްތަކެއް ހުރިކަމަށް ހަބީބު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.