ރަށަށް ބަދަލުވާން ބޭނުންވާ 500 އާއިލާއަކަށް 26.7 މިލިއަން ރުފިޔާ ޚަރަދުކުރާނެ

ރަށަށް ބަދަލުވާން ބޭނުންވާ 500 އާއިލާއަކަށް 26.7 މިލިއަން ރުފިޔާ ޚަރަދުކުރާނެ

Author
މުޙައްމަދު ޖިމީ
27 ޖެނުއަރީ 2021 09:20
0

މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރަށްތަކުގެ ރައްޔިތުންގެ ތެރެއިން އަމިއްލައަށް ރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެފުރުޞަތު ދިނުމަށް ގެންދާ ޚާއްޞާ ޕްރޮގްރާމްގެ ދަށޫން މިހާތަނަށް 500 އާޢިލާއަކަށް އަހަރެއްގެ މައްޗަށް 26.7 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ ކޯވިޑް-19ގެ މިޙާލަތުގައި ދަރިންނާއެކު މާލޭގައި ދިރިއުޅެމުން އަންނަ ޢާއިލާތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް ދަތިތައް ކުރިމަތިވަމުން އަންނައިރު މިޙާލަތުގައި އަމިއްލަ ރަށައް ނުވަތަ އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށެވެ. "އަމިއްލަ ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ދިނުން" މިނަމުގައި ސަރުކާރުން އުސޫލެއް އެކުލަވާލައި އަންނަ މަހުގެތެރޭގައި ގެޒެޓް ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެއެހީއަށް އެދުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ.

ބޯހިޔާވަހިކަމުގެ ދަތިތަކާ ކުރިމަތިވާމީހުންނަށް އެހީތެރިވުމުގެގޮތުން ކުރިއަށް ގެންދާ މިޕްރޮގްރާމަކީ ދެފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން ފުރަތަމަ ފިޔަވަހި ޚާއްސަކުރަނީ މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށެވެ. އަދި ދެވަނަ ފިޔަވަހި ޚާއްސަކުރަނީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށެވެ.

މި ޕްރޮގްރާމްގެ ތެރެއިން ބޮޑަށް އިޖްތިމާޢި ރައްކާތެރިކަމުގެ ނިޒާމްގެ ތެރެއިން އެއްވެސް އިނާޔަތެއް ފޯރުކޮށްދޭ މީހެއްތޯ ބަލާނެކަމަށާއި، އެގޮތުން އާއިލާގައި ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ މަޢުލޫމާތު ހިމަނާނެކަމަށް އެމިނިސްޓްރީން ބުނެއެވެ. އަދި ތަޢުލީމް ޙަސިލްކުރާ މީހުންގެ ޢަދަދށްވެސް ބަލާނެއެވެ. އަދި ރަށްރަށަށް ބަދަލުވާ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ޚާއްސަ ޢިނާޔަތެއް ދެއްވާނެކަމަށާއި، އެގޮތުން ފަރުނީޗަރުތައް ހޯދުމަށާއި ގެދޮރު މަރާމާތުކުރުމަށްޓަކައި 20000 ރުފިޔާއަށްވުރެ މަތި ނޫން އަގެއްގައި ލޯން ދޫކުރާނެކަމަށް ޖެންޑަރ މިނިސްޓްރީން ބުންޏެވެ.

މާލޭގައި ވަންނާނެތަނެއް ނެތް މީހުންނަށާއި، ކޯވިޑާއި ގުޅިގެން މާލޭގައި އުޅުމަް ދަތިވެ ރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް ސަރުކާރުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ކޯވިޑާއި، ގުޅިގެން އިތުރު އެހީތެރިކަން ބޭނުންވާ މީހުންގެ މަޢުލޫމާތު އެއްކޮށް އެމީހުންނަށްވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.