މުވައްޒަފަކު ކޯވިޑަށް ޕޮޒިޓިވްވެ ޑީއެންއާރުގެ ޚިދުމަތް މެދުކަނޑާލައިފި

މުވައްޒަފަކު ކޯވިޑަށް ޕޮޒިޓިވްވެ ޑީއެންއާރުގެ ޚިދުމަތް މެދުކަނޑާލައިފި

Author
މުޙައްމަދު ޖިމީ
27 ޖެނުއަރީ 2021 04:44
0

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެތަނުން ފޯރުކޮށްދެމުންއައި ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ޑީއެންއާރުގެ ޑިރެކްޓަރ ފަރީދާ ޔޫސުފް ވިދާޅުވީ އެ ޑިޕާޓްމަންޓްގެ މުވައްޒަފަކު ޕޮޒިޓިވްވިކަން އެނގިފައިވަނީ މިއަދު މެންދުރުފަހު 12:30 ހާއިރުކަމަށާއި، އެމުވައްޒަފު ޕޮޒިޓިވް ވުމާއެކު މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. ޑީއެންއާރުގެ ޚިދުމަތްތައް ދިނުން ވަގުތީ ގޮތުން މެދުކަނޑާލި އިރު މިއަދު އެ ތަނުން ޚިދުމަތް ހޯދުމަށް ގިނަ އަދަދެއްގެ މީހުން އެތަނަށް ގޮސްތިއްބެވެ. ޑީއެންއާރުން ބުނެފައިވަނީ އަލުން ޚިދުމަތް ފަށާނީ އެޗްޕީއޭއިން ދެއްވާ ލަފާގެ މަތިންކަމަށެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު މިދިޔަ އޯގަސްޓް މަހު ތެރޭގައިވަނީ އައިޑީކާޑު ހެއްދުމާއި އައުކޮށްދިނުމުގެ ޚިދުމަތަށް އޮންލައިންކޮށް ހުށައެޅޭނެ ގޮތްވަނީ ހަމަޖައްސާފައެވެ.
މިގޮތުން އައި.ޑީ ކާޑު ހެދުމަށް އެދޭ ފަރާތްތަކުގެ ފަސޭހަ އާއި ރައްކާތެރިކަމަށްޓަކައި އައިޑީ ކާޑު ހެއްދުމަށް އެދި އެ އިދާރާގެ ވެބްސައިޓު (www.dnr.gov.mv) އިން ހުށަހެޅެއެވެ. އަދި އައިޑީ ކާޑު ހެއްދުމަށް އެދޭ ފަރާތްތަކަށް ކާޑު ބަލައި އައުމަށް އެޕޮއިންޓުމަންޓެއް ހަމަޖައްސައި އެކަމާ ގުޅޭ މަޢުލޫމާތު ޚިދުމަތަށް އެދޭ އިރު ހުށަހަޅާފައިވާ ފޯނު ނަންބަރަށް ފޮނުވޭނެގޮތްވެސް ވަނީ ހަމަޖައްސާފައެވެ. އަދި އައިޑީކާޑް ޔުނިޓަށް މިހާރު ހަމައެކަނި ދާންޖެހެނީ ކާޑު ހެދުމުން ކާޑު ބަލައެވެ. ކާޑް ބަލައި ދާންޖެހޭނީ ކާޑުގެ ވެރިފަރާތެވެ. ވެރިފަރާތަށް ނުދެވޭނަމަ ފޯމު ހުށަހަޅާއިރު، ކާޑު ޙަވާލުކުރާނެ ފަރާތެއްގެ މަޢުލޫމާތާއި ސަބަބު ބަޔާންކޮށް، ވެރިފަރާތުގެ ސިޓީއެއް ފޮނުވަންޖެހޭނެ ކަމަށް ޑީއެންއާރުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.