މާލެ ސަރަޙައްދުގައި އަނެއްކާވެސް ކާފިޢު އިޢުލާންކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފި

މާލެ ސަރަޙައްދުގައި އަނެއްކާވެސް ކާފިޢު އިޢުލާންކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފި

Author
މުޙައްމަދު ޖިމީ
27 ޖެނުއަރީ 2021 02:03
0

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެ، މާލޭ ސަރަޙައްދުގައި ކާފިޢު އިޢުލާންކޮށް، ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ނެރެފައިވާ އެންގުމުގައިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވާފައިވާކަމަށެވެ. އެގޮތުން މިއަދުން ފެށިގެން މާލެއާއި ހުޅުމާލެއާއި، ވިލިމާލޭގައި ޕާޓީތަކާ، ޙަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކަމަށާއި، މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ދަންވަރު 12 އިން ފެށިގެން ފަތިހު 4 އަކަށް މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާއްމު ތަންތަނަށް މީހުން ނުކުތުން މަނާކަމަށް އެޗްޕީއޭގެ އެންގުމުގައިވެއެވެ. އަދި މާލެ، ހުޅުމާލެ، އަދި ވިލިމާލޭއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީންވާން ޖެހޭނެކަމަށާއި، މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް 10 ދުވަހުގެ މުއްދަތަކަށް ކަރަންޓީންވާންޖެހޭނެކަމަށްވެސް އެޗްޕީއޭއިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

މާލެ ސަރަހައްދުގައި ކާފިއު އިޢުލާންކޮށް ފިޔަވަޅުތައް ވަރުގަދަކުރިނަމަވެސް ބައެއް ފަރާތްތައް ވަނީ އިސްތިސްނާކޮށްފައެވެ. އޭގެތެރޭގައި ސިފައިންނާއި، ފުލުހުންނާއި، ޞިއްޙީ ޙިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު ހިމެނެއެވެ. އަދި އެމްބިއުލާންސާއި، ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތަކާއި، ފަތިސް ނަމާދަށް މިސްކިތަށްދާ ފަރާތްތަކާއި، ބޭރަށް ނުކުތުން މަނާކޮށްފައިވާ ވަގުތަކުގައި އެމެޖެންސީކޮށް ޞިއްޙީ ޙިދުމަތް ހޯދަންޖެހޭ ފަރާތްތައް މިކަމުން އިސްތިސްނާވާނެކަމަށް އެޗްޕީއޭގެ އެންގުމުގައިވެއެވެ.

ކޯވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، އެޗް.ޕީ.އޭއިން ނެރުނު އެންގުމުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ޚާއްސަ ހާލަތްތަކުގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެކަމަށް ބުނެފައިވެއެވެ. އަދި މި ފިޔަވަޅުތައް ތަންފީޒުކުރުމުގައި ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުންކަމަށް އެ އެޖެންސީން ބުނެފައިވެއެވެ. މި ފިޔަވަޅުތައް ތަންފީޒުކޮށް ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހާ އިދާރާތަކަށާއި ފަރާތްތަކަށް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އައު އަހަރު ފެށުމާއެކު ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު، ފާއިތުވި ތިން ދުވަހު ޕޮޒިޓިވްވި މީހުންގެ ޢަދަދު ކޮންމެ ދުވަހަކުވެސް އުޅޭނީ 100 އިން މަތީގައެވެ. އެގޮތުން އެންމެ ފަހުން 145 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރާއްޖެއިން މިހާތަނަށް 15،000 ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ބައްޔަށް ފަރުވާދެމުން އަންނަ މީހުންގެ ޢަދަދު 1200 އަށްވުރެ މައްޗަށް އަރާފައިވާއިރު، ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިހާރުވެސް 93 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.

މީގެ ކުރިންވެސް ކޯވިޑްގެ ޕޮޒިޓިވް ކޭސްތައް އިތުރުވެ މާލެ ސަރަހައްދުގައި ކާފިޢު ހިންގާފައިވެއެވެ. އަދި ފިޔަވަޅުތައް ވަރުގަދަކޮށްފައިވެއެވެ. އަދި އެ ކާފިއު އުވާލާ ފިޔަވަޅުތަކަށް ލުއިދީފައިވަނީ ކޭސްތައް މަދުވާން ފެށުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.