ޗެލްސީގެ ކޯޗުކަމަށް ގެނައުން އެންމެ ގާތް މީހަކީ ފްރާންސްގެ ޕީއެސްޖީގެ ކޯޗުކަމުން ވަކިކުރި ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލް ކަމަށް ގިނަ ބަޔަކު ބުނަން ފަށައިފިއެވެ.
ޗެލްސީގެ ކޯޗުކަން ހުސްވީ އެކުލަބުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ފްރޭންކް ލަމްޕާޑު ކޯޗުކަމުން ވަކިކުރުމުންނެވެ. މި ސީޒަނަށް ބޮޑު ހަރަދެއް ކުރި ނަމަވެސް އެއްވަނާގައިވާ މެންޗެސްޓާ ޔުނައިޓެޑަށްވުރެ 11 ޕޮއިންޓް މަދުވެ، މި ސީޒަނުގެ ތަށި ގެއްލިދާނެކަން ގާތްގަނޑަކަށް ޔަގީންވުމުންނެވެ.
ޓުޗެލް ފަހަތުން ދެ ވަނާގައިވަަނީ ޔުވެންޓަސްގެ ކުރީގެ ކޯޗު މަސިމިލާނޯ އަލެގްރީ އެވެ. މީގެ އިތުރުން ޗެލްސީގެ ކުރީގެ ކޯޗު ރަފާ ބެނީޓޭޒް ވެސް މި ލިސްޓުގައި ހިމެނެ އެވެ. މީގެ ތެރެއިން އަލެގްރީ މީގެ ދެ އަހަރު ކުރިން ޔުވެންޓަސްއާ ވަކިވި ފަހުން އަދި ހުރީ ޓީމެއް ނެތި އެވެ. ޗައިނާ ލީގުގައި ހުރެފައި މަގާމު ދޫކޮށްލައި ބެނީޓޭޒް އިނގިރޭސިވިލާތަށް އައީ މީގެ ދެދުވަސްކުރިންނެވެ.
ޕީއެސްޖީއާ ހަވާލުވެ އެ ޓީމަށް ފްރާންސްގެ ލީގާއި ކަޕް ހޯދައިދީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ވަނީ ގެންގޮސްދީފަ އެވެ. އޭނާ ޕީއެސްޖީން ވަކިކުރީ އެކުލަބުގެ ވެރިންނާ ބެހޭ ގޮތުން ދެއްކި ވާހަކަތަކުގެ ސަބަބުން ކަމަށްވެ އެވެ. ޓުޗެލް އެންމެ ފުރަތަމަ މަޝްހޫރުވީ ލިވަޕޫލްގެ މިހާރުގެ ކޯޗު ޔާގެން ކްލޮޕާއެކު ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑްއިންނެވެ.
މާދަމާރޭ ލީގުގައި އަމިއްލަ ދަނޑުގައި ޗެލްސީ ނުކުންނާނީ ވުލުވޯސްއާ ދެކޮޅަށެވެ. ޗެލްސީ މިވަގުތު ލީގުގައި 19މެޗުން ހޯދި 29 ޕޮއިންޓާއެކު އޮތީ 9 ވަނައިގަ އެވެ.
ކޮމެންޓު ފޮނުވާ