މި އަހަރުގެ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވަން އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީން ނިންމައިފި އެވެ.
މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ މެޗުތައް މާޗް މަހު ހުއްޓާލީ ގްރޫޕް ސްޓޭޖުގައި މަދު މެޗުތަކެއް ކުޅެފަ އެވެ. އޭރު އޭޝިއާގައި ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ، މުބާރާތް ވަގުތީ ގޮތުން ފަސް ވަރަކަށް މަސް ދުވަހަށް މެދުކަނޑާލުމަށް ފަހު އޭއެފްސީން އަލުން މުބާރާތް ފަށަން ރޭވީ ކޮންމެ ގްރޫޕެއްގެ މެޗުތައް ސެންޓްރަލައިޒްކޮށް ވަކި ސަރަހައްދެއްގައި ކުރިއަށްގެންދާ ގޮތަށެވެ.
އޭއެފްސީގެ އެންމެ މަތީ ފަންތީ ކްލަބް މުބާރާތް، އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް ވެސް ކުރިއަށްގެންދަން ނިންމާފައިވަނީ ސެންޓްރަލައިޒްކޮށެވެ. މެޗުތައް ސެންޓްރަަލައިޒްކޮށް ބާއްވާނެ ދަނޑުތަކެއް ކަނޑައަޅާނީ މާދަމާ ބާއްވާ އެ ދެ މުބާރާތުގެ ގުރުއަތުލުމަށް ފަހުގަ އެވެ. މި ފަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭން ވާދަކުރަނީ މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން މާޒިޔާ އެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަަވަރުވެފައިވަނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަށެވެ.
ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށެވެ. ކޮލިފައިންގައި ރާއްޖޭގެ ލީގު ރަނަރަޕް ކްލަބް އީގަލްސް، އިންޑިއާގެ ބެންގަލޫރު، ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ އިތުރުން ނޭޕާލުގެ އާމީ ކްލަބާއި ސްރީލަންކާ ޕޮލިސް އަދި ބޫޓާންގެ ތިމްޕޫ ސިޓީ ވާދަކުރާނެ އެވެ. ކޮލިފައިން ބުރުގައި މީގެ ކުރިން ދެ ލެގަށް ކުޅުނު ނަމަވެސް މި ފަހަރު ކުޅޭނީ އެންމެ މެޗެކެވެ. މިހާރު އޮތް ގޮތުން ކޮލިފައިން ބުރު އޮންނާނީ އޭޕްރީލް މަހުގަ އެވެ. އަދި ގްރޫޕް ސްޓޭޖުގެ މެޗުތައް އޮންނާނީ މެއި މަހުގަ އެވެ.
މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވަން ހޯސްޓްކުރުމުގެ ފުރުސަތު ހުޅުވާލުމުން ރާއްޖޭން ބިޑް ކާމިޔާބުކުރި އެވެ. އެކަމަކު މިފަހަރު އިންޑިއާ އިން ވެސް މުބާރާތުގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ހޯސްޓްކުރަން ބިޑްކުރާނެ ކަމަށް އެނގިފައިވެ އެވެ.
ކޮމެންޓު ފޮނުވާ