ސްޕެނިޝް ލަލީގާގައި ތާވަލްގެ އެއްވަނައިގައިވާ އެޓްލެޓިކޯ މެޑްރިޑުން ވާދަވެރި ވެލެންސިއާ ބަލިކޮށް އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
މިމެޗު އެތްލެޓިކޯމެޑްރިޑުން ކާމިޔާބުކުރީ 3-1 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 11 ވަނަ މިނެޓްގައި ޖަހައި ގިނަ ބަޔަކަށް ހައިރާންކަން ގެނުވީ ވެލެންސިއާގެ ޔޫރޯސް ރަޗިޗް ޖަހައިދިން ލަނޑުންނެވެ. ނަމަވެސް މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންދާ އެޓްލެޓިކޯއިންވަނީ މެޗްގެ 23 ވަނަ މިނެޓްގައި ލަނޑެއް ޖަހައު މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޖޯއޮ ފީލިކްސްއެވެ.
މިމެޗްގައި އެޓްލެޓިކޯއިން ފުރަތަމަ ފަހަރަށް ލީޑު ނެގި ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ޖަހައިދިނީ ތަޖްރިބާކާރު ފޯވަޑް ލުއިސް ސުވަރޭޒްއެވެ. އަދި އެޓީމްގެ ފަހު ލަނޑު މެޗްގެ 72 ވަނަ މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިޔާ އެންގެލް ކޯރެއާއެވެ. މިއީ ލަލީގާގައި މިފަހަރު އެޓްލެޓިކޯ ޖެހިޖެހިގެން މޮޅުވި ހަތްވަނަ މެޗެވެ.
މި މޮޅާއިއެކު އެޓްލެޓިކޯއަށް މިހާރުވަނީ ކުޅުނު 18 މެޗުން 47 ޕޮއިންޓް ލިބިފައެވެ. އަދި އެންމެ ގާތުން ވާދަކުރާ ރެއާލް މެޑްރިޑަށް ވުރެ އެއް މެޗް މަދުން ކުޅެ 7 ޕޮއިންޓްގެ ލީޑެއް އެޓީމަށް މިހާރު ލިބިފައިވެއެވެ. އެންމެ ފަހުގެ ޗެމްޕިއަން ރެއާލްއަށް 19 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ.
ކޮމެންޓު ފޮނުވާ