އިނގިރޭސި ލީގުގައި ނިއުކާސަލް ޔުނައިޓެޑު ބަލިކޮށް އެސްޓޮން ވިލާއިން ލީގުގައި މުހިންމު މޮޅެއް ހޯދައިފި އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗު ވިލާ ކާމިޔާބުކުރީ 2-0 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ލަނޑުތައް ފެނިގެންދިޔައިރު ފުރަތަމަ ލަނޑު ވިލާއިން ކާމިޔާބުކުރީ އޮލީ ވަޓްކިންސް އެވެ. މިއީ ލީގުގައި ވަޓްކިންސް ކާމިޔާބުކުރި ތިން ވަނަ ލަނޑެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ވިލާގެ ބާޓްރެންޑް ވަނީ އިތުރު ލަނޑެއް ޖަހައި ލީޑް ފުޅާކޮއްދީފައެވެ. ރޭގެ މެޗުގައި ވިލާގެ ދެވަނަ ލަނޑު ކާމިޔާބުކުރަން އެހީތެރިވެދިން ގްރީލިޝް ވަނީ ލީގުގައި ކުޅުނު 17 މެޗުން 8 ލަނޑު ކާމިޔާބުކުރަން އެހީތެރިވެދީފަ އެވެ.
މިއީ އެންމެފަހުން ލީގުގައި ވިލާއިން ކުޅުނު 17 މެޗުގެ ތެރެއިން ބައިކޮޅަށް ލަނޑެއް ވައްދާނުލާ ނިންމާލި 9 ވަނަ މެޗެވެ. ރޭގެ މެޗުން ބަލިވުމާއެކު ލީގުގައި މޮޅެއް ނުހޯދި ނިއުކާސަލް ވަނީ 10 މެޗު ހަމަކޮށްފަ އެވެ. ރޭގައި ހޯދި މޮޅާއެކު ވިލާ ވަނީ ދެ މެޗު މަދުން ކުޅެގެން ހަތަރުވަނާގައިވާ ލިވަޕޫލާ ފަސް ޕޮއިންޓް ގާތަށްޖެހިލާފަ އެވެ.
ވިލާ ތާވަލުގެ 8 ވަނައިގަ އޮތީ 17 މެޗުން 29 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވި ނިއުކާސަލް ވަނީ 16 ވަނަގައި ރެލިގޭޝަން ޒޯނާ 7 ޕޮއިންޓް ގާތުގަ އެވެ.