އިޓާލިއަން ލީގުގެ އެއް ވަނާގައި އޮތް އޭސީ މިލާން ރޭ އަމިއްލަ ދަނޑުގައި 3-0 އިން އެޓްލާންޓާ އަތުން ބަލިވެއްޖެ އެވެ.
މިލާން ކޮޅަށް އެޓްލާންޓާއަށް ލީޑުނަަގައިދިނީ 26 ވަނަ މިނިޓްގައި ރޮބިން ގޮސެން ނަގައިދިން ކޯނަރަކުން ކްރިސްޓިއަން ރޮމޭރޯ އެވެ. ދެ ވަނަ ހާފްގެ ކުރީކޮޅުގައި އެޓްލާންޓާއަށް ލީޑުފުޅާކޮށްދިނީ ޕެނަލްޓީއަކުން ޔޮސިޕް އިލިޗިޗް އެވެ. މިއީ އިލިޗިޗަށް މިލާނުގެ ފްރޭންކް ކެސީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. އެޓްލާންޓާގެ ފަހު ގޯލު ޖެހީ ޑުވާން ޒަޕާޓާ އެވެ.
ރޭގެ މެޗުގައި މިލާނުން ލަނޑުޖަހަން ކުރި މަސައްކަތްތައް ކާމިޔާބުނުވެ ދިޔައިރު، ދާދި ފަހުން އެ ޓީމާ ގުޅުނު ކްރޮއޭޝިއާގެ ތަޖުރިބާކާރު ފޯވާޑް މާރިއޯ މަންޒުކިޗް ވަނީ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފަ އެވެ. ފުރަތަމަ ހާފުގައި ޒަލަޓަން އިބްރަހިމޮވިޗަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ.
ލީގުގެ އެއް ވަނައިގައި މި ވަގުތު މިލާން އޮތީ 19 މެޗުން 43 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އިންޓައަށް 19 މެޗުން ވަނީ 41 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތީ ރޭ ފޯރިގަދަ މެޗަކަށް ފަހު 4-3 އިން ސްޕެޒިއާ ބަލިކުރި ރޯމާ އެވެ. ރޯމާ އަށް ވަނީ 19 މެޗުން 37 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް އެޓްލާންޓާއަށް 19 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ނަޕޯލީ އަށް 17 މެޗުން ވަނީ 34 ޕޮއިންޓް ލިބިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ހަ ވަނައިގައި އޮތީ 17 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ.