ސިޓީ އަނެއް ބުރަށް

ސިޓީ އަނެއް ބުރަށް

Author
އިބްރާހީމް ސާޢިދު
24 ޖެނުއަރީ 2021 10:48
0

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ރޭ ހަތަރު ވަނަ ޑިވިޝަންގެ ޗެލްޓްނަމް ޓައުން އަތުން ފަހު ވަގުތު 3-1 އިން މެންޗެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.

ގިނަ ބަަދަލުތަކާ އެކު ރޭގެ މެޗަށް ނުކުއިތް ސިޓީން ފުރަތަމަ ހާފުގައި ލަނޑުޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 13 މިނިޓް ތެރޭ ޗެލްޓްނަމް އިން ވަނީ ލީޑުނަގައި ސިޓީ ހާސްކޮށްލައިފަ އެވެ. މެޗުގެ 58 ވަނަ މިނިޓްގައި ޗެލްޓްނަމްގެ ދިގު އެއްލުމަކުން އޭރިއާތެރެއިން ލިބުނު ބޯޅަ އަލްފީ މޭ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލާފަ އެވެ.

ޗެލްޓްނަމް އިން ލީޑުނެގުމާ އެކު ސިޓީން ވަނީ ތިން ބަދަލެއްކޮށްފަ އެވެ. ރުބެން ޑިއާސް، އިލްކާއި ގުންޑޮގާން އަދި ޔާއޯ ކަންސެލޯ ވަނީ ކުޅެން އަރުވައިފަ އެވެ. ސިޓީން ލަނޑު ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ނުވަ މިނިޓަށް ވެފައި ހުއްޓަ އެވެ. ކަންސޭލޯ ނަގައިދިން ހުރަހަކުން މެޗުގެ 81 ވަނަ މިނިޓްގައި ސިޓީ އަށް އެއްވަރުކޮށްދިނީ ފިލް ފޯޑެން އެވެ.

ފެނާންޑީނިއޯ ހުސްކޮށްލާފައި ދިން ބޯޅައަކުން ގަބްރިއެލް ޖީސޫސް ވަނީ ސިޓީ އަށް ލީޑުނަގައިދީފަ އެވެ. އިތުރު ވަގުތުގައި ގުންޑޮގާން ތަނަވަސްކޮށްދިން ފުރުސަތެއްގައި ސިޓީގެ ފަހު ގޯލު ޖެހީ ފެރާން ޓޮރޭޒް އެވެ. ސިޓީން ފަސް ވަނަ ބުރުގައި ނުކުންނާނީ ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 5-1 އިން މޮޅުވި ސްވަންސީ ސިޓީއާ ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.