Ad
ސަފާރީ ކޭސް: ވީޑިއޯ އާންމުކުރުމަކީ ނާތަހުޒީބު އަމަލެއް، އުނިކަންލިބެނީ ވިކްޓިމަށް- ފުލުުން

ސަފާރީ ކޭސް: ވީޑިއޯ އާންމުކުރުމަކީ ނާތަހުޒީބު އަމަލެއް، އުނިކަންލިބެނީ ވިކްޓިމަށް- ފުލުުން

Author
މުޙައްމަދު ޝަޒައިމް
12 އޮކްޓޯބަރ 2020 04:43
0

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރިއެއްގައި ޖިންސީ އަނިޔާގެ ޝިކާރައަކަށްވި ކެންޔާ އަންހެންމީހާގެ ތަގީގުގައި ދެކެވިފައިވާ ބައެއް ވާހަތައް އާންމުކުރުމުން އެކަމުގެ ވިކްޓިމްގެ ހައްޤުތަކަށް އިތުރު އުނިކަން ލިބޭނެކަމުގައި ފުލުހުން ވިދާޅުވެއްޖެ އެވެ.

މީސްމީޑިއާގައި އާންމުކޮށްފައިވާ އެވީޑިއޯ ކްލިފަކީ މައްސަލައަކާއި ގުޅިގެން އެމައްސަލައިގެ ވިކްޓިމްއާއި ސްކައިޕް މެދުވެރިކޮށް ކުރެވިފައިވާ އިންޓަރވިއު ރެކޯޑިންގ އަކަށްފަހު، ވިކްޓިމް ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަޔާން ޑްރާފްޓްކުރުގެ މަރުހަލާގައި ތަޙްޤީޤްކުރި ފަރާތްތަކުގެ މެދުގައި ދެކެވިފައިވާ ވާހަކަތަކެއްގެ ވީޑިއޯ ކްލިޕެއްކަމަށް ފުލުހުން ވިދާޅުވެ އެވެ.

ފުލުހުން ހިންގާ ޖިނާޢީ ތަޙްޤީޤްތަކުގައި ބައިވެރިވާ ޤާނޫނީ ވަކީލުން ތެރޭގައި ކުރެވޭ އިންޓަރވިއު ނުވަތަ މަސައްކަތްކުރާ ގޮތަކާއި މެދު މައްސަލައެއް ނުވަތަ ޝަކުވާއެއް އޮތްނަމަ އެފަދަ ކަންކަން ބެލުމަށް ހަމަޖެހިފައިވާ ނިޒާމްގެ ބޭނުންކުރުމެއް ނެތި އިންޓަރވިއު ރެކޯޑިންގެ ބައިތައް ފަދަ ތަޙްޤީޤާއި ގުޅުންހުރި މައުލޫމާތު ހިމެނޭ ކޮންޓެންޓް އާންމުކޮށް، ކުށުގެ އަނިޔާލިބޭ ފަރާތްތަކުގެ މައުލޫމާތު މިގޮތަށް އާންމުކުރުމަކީ ނުހަނު ކަންބޮޑުވާކަމެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

މީސްމީޑިއާގައި ދައުރުކޮށްފައިވާ ވީޑިއޯ ކްލިޕަކީ ފުލުހުން ތަޙްޤީޤް ކުރަމުންދާ މައްސަލައިގެ ވިކްޓިމްގެ ފަރާތުން ވަކާލާތުކުރުމަށް ޤާނޫނީ ވަކީލުން އައްޔަނުވުމަށްފަހު، ކުރިން ތަޙްޤީޤަށް ވިކްޓިމް ދީފައިވާ ބަޔާނުގައި ސޮއިކޮށް ނިމިފައިވަނިކޮށް އިތުރު މައުލޫމާތު ހިމެނުމަށް ބޭނުންވާތީ ވިކްޓިމް އާއި އަލުން އިންޓަރވިއު ކުރުމަށް އެދި ވިކްޓިމްގެ ޤާނޫނީ ވަކީލުން މިސަރވިސްއަށް ލިޔުމުން ހުށަހެޅުމުން ޤާނޫނީ ވަކީލުންގެ ޙާޟިރުގައި ކުރެވިފައިވާ އިންޓަރވިއުއެއްގެ ފަހުގައި ދެވަނަ ފަހަރަށް އިންޓަރވިއު ފެށުމާއި ދޭތެރޭ ތަޙްޤީޤްކުރި ފަރާތްތަކުން ބަޔާނުން އިސްލާޙުކުރުމަށް ހުށަހެޅުނު ކަންކަމާއި މެދު މަޝްވަރާކުރުމަށް ދެކެވުނު ވާހަކަތަކެއް.

މީސްމީޑިއާގައި ދައުރުކޮށްފައިވާ ވީޑިއޯއަކީ ތަޙްޤީޤްގެ ބޭނުމަށް ފުލުހުން ކޮށްފައިވާ އިންޓަރވިއުއަކަށްފަހު ކުރެވިފައިވާ ރެކޯޑަކަށްވާއިރު މި އިންޓަރވިއުއަށް ވަކީލުންނަށް އެކްސެސްދީފައިވަނީ ތަޙްޤީޤްގެ ބޭނުމަށްކަމަށްވާއިރު، އިންޓަރވިއުގައި ހިމެނިފައިވާ މައްސަލައިގައި ވިކްޓިމްއާއި މެދު ހިންގާފައިވާ އަމަލުތަކުގެ މައުލޫމާތު ހާމަވާނެހެން، މުޖުތަމަޢުގެ ތެރެއަށް ވީޑިއޯ މިގޮތަށް އާންމު ކުރުމަކީ ވިކްޓިމްގެ ހައްޤުތަކަށް އިތުރު އުނިކަން ލިބޭނެހެން ކޮށްފައިވާ އަމަލެއްކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

އަދި މިއީ ވިކްޓިމްގެ ބަޔާނަށް އުނިއިތުރު ގެނައުމުގެ ގޮތުން ކޮށްފައިވާކަމެއް ކަމަށް ދޭހަވާގޮތަށް ވިކްޓިމްގެ ވަކީލުން މީސްމީޑިއާގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ހަޤީޤަތާއި ޚިލާފަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި މިވާހަކަތަކަކީ ވިކްޓިމް ނުވަތަ ވިކްޓިމްގެ ޤާނޫނީ ވަކީލުންނާއި ސީދާ ކުރެވިފައިވާ މުޢާމަލާތެއް ނޫންކަމުގަ އެވެ. ތަޙްޤީޤަށް ކުރެވޭ އިންޓަރވިއުއެއްގައި ދައްކާފައިވާ ވާހަކަތައް ބަޔާނެއްގެ ގޮތުގައި ލިޔާއިރު އެވާހަކަތައް އިތުރަށް ސާފުކޮށް ކަށަވަރު ކުރުމަށް ތަޙްޤީޤުގައި ބައިވެރިވި ފަރާތްތަކުގެމެދުގައި މަޝްވަރާކުރުމާއި ބަޔާން ދޭ ފަރާތުން ދޭ ޖަވާބުތަކުގެ މައްޗަށް ތަޙްޤީޤްކުރާ ފަރާތްތަކުން ބަޔާން ޑްރާފްޓްކުރުމަކީ އާންމު އުސޫލުންވެސް އަމަލުކުރެވޭ ގޮތްކަމަށާއި އެއީ ތަޙްޤީޤަށް ނެގޭ ބަޔާން ބަދަލުކުރުން ނޫންކަމުގައިވެސް ފުލުހުން ވިދާޅުވެ އެވެ.

ތަޙްޤީޤުގައި ކުރެވޭ އިންޓަރވިއުއަށްފަހު، ލިޔެވި ބަޔާން އިންޓަރވިއު ކުރެވޭ ފަރާތާއި އިންޓަރވިއު ކުރެވޭ ފަރާތުގެ ޤާނޫނީ ވަކީލުން ބަލައި ޗެކްކުރުމަށްފަހު ގެންނަން ބޭނުންވާ ބަދަލެއް އޮތްނަމަ އެބަދަލެއް ގެނައުމަށްފަހު ސޮއިކޮށް އިނގިލީގެ ނިޝާންޖެހުމަކީ ތަޙްޤީޤުގައި އާންމުކޮށް އަމަލުކުރެވޭ އުސޫލުކަމުގައި ދަންނަވަމެވެ. ވަކިން ޚާއްސަކޮށް މިހާރު އޮންލައިންކޮށް އިންޓަވިއުކުރުމަށް އަމަލުކުރާ އުސޫލުގައި އިންޓަރވިއު ކުރެވޭ ފަރާތުގެ ބަޔާން ޓައިޕްކުރުމަށްފަހު އެފަރާތުން ބޭނުންވާ އިސްލާޙުތައް ގެނައުމަށް ބަޔާނުގެ ސޮފްޓްކޮޕީ އީމެއިލް ކުރުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވެއެވެ.

މިއީ ފުލުހުންގެ ތަޞައްވުރު ކިލަނބުވާ ގޮތަށް ހަޤީޤަތާއި ޚިލާފު ތުހުމަތުކޮށް ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލުމަށް ކޮށްފައިވާ ނާތަހުޒީބު އަމަލެއްކަމުގައި ފުލުހުން ވިދާޅުވެ އެވެ. މި ޝަކުވާ އުފުލި ފަރާތުން މިމައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާނެކަމަށް ބަޔާންކޮށްފައިވާތީ މިކަމާއި ގުޅިގެން އެކޮމިޝަނުން ކުރާ ތަޙްޤީޤަށް މިސަރވިސްގެ ފުރިހަމަ އެއްބާރުލުން ދޭނެކަމަށާއި އަދި މައްސަލަ ނިމޭ ގޮތެއްގެ މައްޗަށް ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ފުލުހުންވަނީ ދެއްވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.