ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ކްލަބް އީގަލްސް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.
މެޗުގެ ފުރަތަމަ ހާފަށް ބަލާއިރު ދެ ޓީމަށް ވެސް މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ނުކުރެވެ އެވެ. މެޗުގެ ކުރީކޮޅުގައި ހަމްޕު އަރިމަތިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ޖެހި ޝޮޓް އީގަލްސްގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ. މާޒިޔާގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަށް ލިބޭ ބޯޅަތަކުގައި އޭނާ ހުއްޓުވަން އީގަލްސްގެ ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
ފުރަތަމަ ހާފުގައި އީގަލްސްގެ މިސްރު ފޯވާޑް މުހައްމަދު އޮސާމާ އަށް ލިބޭ ބޯޅަތަކުގައި އޭނާ އަށް ބޭނުން ހިފޭގޮތް ނުވެފައެވެ. ދެ ވަަނަ ހާފްގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ އީގަލްސް އަށް ލަނޑުޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. މެޗުގެ 47 ވަަނަ މިނިޓްގައި އޭރިއާތެރެއިން އީގަލްސްގެ މުހައްމަދު ނާއިމަށް މާޒިޔާގެ ސަމޫހު އަލީ (ސަމުއްޓެ) ކުރި ފައުލަކަށް ރެފްރީ މުހައްމަދު ޖާވިޒް ދިން ޕެނަލްޓީ އަކުން ހަންނަ ފޮނުވާލި ބޯޅަ މާޒިޔާގެ ސާބިއާ ކީޕަރު ނިކޮލަ ވުޔަނަކް ވަނީ މަތަކޮށްފަ އެވެ. މާޒިޔާ އަށް ލީޑުނަގައިދޭން މެޗުގެ 71 ވަނަ މިނިޓްގައި ހަމްޕު ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ކޮކީ އެވެ.

މެޗުން މޮޅުވެގެން ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު މާޒިޔާ އަށް އޮތެވެ. އެކަމަކު އެއްވަރުވުމުން އެ ޓީމުން ފުރަތަމަ ބުރު ނިންމާލީ ތިން ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ފުރަތަމަ ބުރުގެ ހުރިހާ މެޗެއް ނިމުނުއިރު މާޒިޔާ އެއް ވަނައިގައި އޮތީ 15 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް ވެލެންސިއާ އާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ސުޕަ ސްޕޯޓްސް ޔުނައިޓެޑް (ސަސް) އާއި ހަ ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އޮތީ އަށް ޕޮއިންޓާ އެކު އެވެ. ހަތް ވަނައިގައި އީގަލްސް އޮތީ ފަސް ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް އަދި މޮޅެއް ނުލިބި އޮތްއިރު، އެ ޓީމަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
ލީގުގެ ދެ ވަނަ ބުރުގެ މެޗުތައް ފަށާނީ އަންނަ ބުދަ ދުވަހުގަ އެވެ.
ކޮމެންޓު ފޮނުވާ