ގްރީން ބަލިކޮށް ޓީސީ ހަތަރުވަނައަށް

ގްރީން ބަލިކޮށް ޓީސީ ހަތަރުވަނައަށް

Author
މުޙައްމަދު ޝަޒައިމް
22 ޖެނުއަރީ 2021 07:41
0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް 1-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ހަތަރު ވަނަ އަށް ކުރިއަށް ޖެހިލައިފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނެވެ. 32 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ އޮގީ އަށް އޭރިޔާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ކީޕަރު ކައިރިން ނައްޓާލުމަށް ގޯލަށް ފޮނުވާލުމުން ޓީސީގެ ޑިފެންޑަރު މުހައްމަދު އަޖުފާން ވަނީ ގޯލުގެ ރޮނގުމަތިން އެ ބޯޅަ ދިފާއުކޮށްފަ އެވެ. ޓީސީ އަށް ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ 37 ވަނަ މިނެޓުގައި މެލްކޮމް ކަސިއުސް ސްޓެވާޓް އަށެވެ.

ޓީސީން މެޗުގައި ލީޑު ނެގީ 65 ވަނަ މިނެޓުގައި ކެޕްޓަން މުހައްމަދު އައްޒާމް ޖަހައިދިން ގޯލުންނެވެ. އަރިމަތިން ކުޅުނު އިބްރާހީމް އަތީގް ހަސަން (އިއްބެ) ނަގައިދިން ހުރަސް ގްރީން ސްޓްރީޓްސްގެ ޑިފެންޑަރުންނަށް ފުރުސަތެއް ނުދީ އައްޒާމް ވަނީ ބޮލުން ގޯލަށް ވައްދާލައިފަ އެވެ. 14 ޕޮއިންޓާ އެކު މާޒިޔާ އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތް ކްލަބް ވެލެންސިއާ އާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. ފުރަތަމަ ބުރުގެ ހަތަރު ވަނަ ޓީސީ ކަށަވަރުކުރީ ނުވަ ޕޮއިންޓާ އެކު އެވެ.

މެޗުން ބަލިވުމުން އަށް ޕޮއިންޓާ އެކު ގްރީން ސްޓްރީޓްސް ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ. ހަ ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ވެސް ވަނީ އަށް ޕޮއިންޓް ހޯދައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.