Ad
ކޮންމެ ބްރޯއެއް ހުއްޓަސް ވައްކަމަށް ހުޅުވުފައިވާ ދޮރުތައް ބަންދު ކުރާނަން: ބޮންޑޭ

ކޮންމެ ބްރޯއެއް ހުއްޓަސް ވައްކަމަށް ހުޅުވުފައިވާ ދޮރުތައް ބަންދު ކުރާނަން: ބޮންޑޭ

Author
މުޙައްމަދު ޝަޒައިމް
12 އޮކްޓޯބަރ 2020 10:46
0

ސަރުކާރުގައި ކިތަންމެ ބާރުގަދަ ވަޒީރަކު ހުންނެވި ކަމުގައި ވީނަމަވެސް އެމްޑީޕީން ވައްކަން ހުއްޓުވުމަށް ވެފައިވާ ވައުދާ އެއްގޮތަށް ވައްކަމަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރާނެކަމަށް މާފަންނު މެދު ދާއިރާ އިބްރާހީމް ރަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ބަހުސް ކުރަމުންދާ ނުހައްގު މުއްސަދިކަން ހޯދުމުގެ ބިލަށް ވާހަކަ ދައްކަވަމުން އިބްރާހިމް ރަޝީދު(ބޮންޑޭ) ވިދާޅުވީ ނުހަގު މުއްސަދިކަމާއި، ތިމާ އަދާކުރާ ވަޒީފާއާއި ނުބައްދަލު މުއްސަދިކަން ހޯދުމަކީ މިއަދު ރާއްޖޭގައި އާންމު ވެފައިވާ ކަމެއްކަމަށެވެ. މިކަންކަން ހުއްޓުވުމަކީ އެމްޑީޕީގެ ވައުދަކަށްވާއިރު މިކަން ނުހުއްޓުވެންވީ ސަބަބެއް ނެތްކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ވައްކަން ހުއްޓުވުމަށް މިއަދު އޮތް އެންމެބޮޑު ހުރަހަކީ "ބްރޯ" ހެދިގެން އުޅޭ މީހުންކަމަށާއި، އެމީހުންގެ ސަބަބުން މިއަދު ވައްކަން ކުރުމަށް އިތުރަށް ފުރުސަތު ލިބެމުންދާކަމަށް އިބްރާހިމް ރަޝީދުވަނީ ތުހުމަތު ކުރައްވާފަ އެވެ.

އިއްޒަތްތެރި ރައީސް، އަޅުގަނޑުމެން ފާއިތުވެދިޔަ ވެރިކަން ތަކުގައި ވައްކަމަށް ހުޅުވި ދޮރުތައް ބަންދު ކުރާނަން. އެކަން ކުރާކަށް އަޅުގަނޑުމެން ފަހެއް ނުޖެހޭނަން. ވަރިހަމަ ކޮންމެ ބްރޯއެއް ހުއްޓަސް. ކޮންމެ މީހަކު ހުއްޓަސް އަޅުގަނޑުމެން އެކަމާއި ފައިޓްކުރާނަން. ނުކެރޭނެ ދެން ފާއިތުވެދިޔަ ޒަމާންތަކުގައި ވައްކަން ކުރިހެން ވައްކަން ކުރާކަށް" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

މިއަދު ސަރުކާރުގެ ކުންފުނިތަކާއި، ބައެއް އިސްމަޤާމުތަކުގައި ތިއްބެވި ބޭފުޅުން ކުރަމުންދާ ވައްކަން ހުއްޓުވުމަށް ރައީސް ޞާލިހުގެ ކިބައިވެސް އެދިފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ. މިއަދުވެސް ފެނިގެންދަނީ ކުންފުނިތަކުން ބޭނުންވާ ތަކެއްޗާއި ސާމާނު ގެނައުމަށްފަހު އިއުލަންކޮށް ބިޑަށް ހުޅުވާލާ މަންޒަރުކަމަށެވެ. މިއީ ވައްކަން ހުއްޓުވުމުގެ ބަދަލުގައި ހުޅުވޭ އިތުރު ދޮރެއްކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ވައްކަން ކުރާ މީހާ ފަހަތުން ބްރޯ ހެދިގެން ނުވަތަ ބްރޯއަކަށް ވެގެން އެވައްކަން ކުރާ ބްރޯ ފަހަތުން ދާ ސްޓައިލް މިހާރު އެބަހުރި އިއްޒަތްތެރި ރައީސް. އެމްޑީޕީގެ ވައުދެއް ކަރަޕްޝަނަށް ހުޅުވި ދޮރުތައް ބަންދުކުރުން. އަޅުގަނޑު ހަމަ އެންމެ ކަމެއްގަ އެދުނީ ރައީސުލްޖުމްހޫރިއްޔާ ކައިރީގަ. މިހާރު އެއިންދަ ރައީސް، އިބްރާހިމް މުހައްމަދު ޞާލިހު ކައިރީގައި އެދުނީ މި ކޮރަޕްޝަން ހުއްޓުވައިދޭތޯ. އަޅުގަނޑު އެއްވެސް ކަމެއް ބޭނުންނޫން. އެދުނީ މިކަންތައް ހުއްޓުވަން. އަޅުގަނޑު ޤަބޫލުކުރަން އެމަނިކުފާނު އެކަން ކުރައްވާނެކަމަށް" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް އޮތްކަމަށްބުނެ އެކަންކަން ހުއްޓުވުމަށް މަޖިލިސް ތެރެއިންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވިދާޅުވާ ގޮތުން ޚާއްސަކޮށް މަޖިލިސް ރައީސް މިކަމުގައި އެންމެބޮޑު ތުހުމަތެއް ކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްއަށެވެ. ނަމަވެސް ފައްޔާޒް ވަނީ ދުވަހަކުވެސް ހިޔާނާތެއް ނުވާކަމަށް ވިދާޅުވެފަ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.