Ad
މަސްވެރިކަމާއި ބެހޭ ހުރިހާ ޤަވާއިދެއް އެކުލަވާ ނިމިއްޖެ: މިނިސްޓަރ ޒަހާ

މަސްވެރިކަމާއި ބެހޭ ހުރިހާ ޤަވާއިދެއް އެކުލަވާ ނިމިއްޖެ: މިނިސްޓަރ ޒަހާ

Author
މުޙައްމަދު ޖިމީ
12 އޮކްޓޯބަރ 2020 10:20
0

މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަން ފިޝަރިޒް މިނިސްޓްރީއަށް ލާޒިމްކުރާ ހުރިހާ ޤަވާއިދެއް މިހާރު އެކުލަވާލާ ނިމިފައިވާކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރ ޙާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ އަލަށް ޢަމަލުކުރަންފެށި މަސްވެރިކަމާއި ބެހޭ ޤާނޫނުގެ ދަށުން މިހާތަނަށް 7 ޤަވާއިދެއް އެކުލަވާލެވި މިހާރު ގެޒެޓް ކުރެވިފައިވާކަމަށެވެ.

މިހާތަނަށް އެކުލަވާލާ ގެޒެޓްކޮށްފައިވާ ޤަވާއިދުތައް:

1- ޤާނޫނާއި ޚިލާފަށް ރިޕޯޓްކުރުމެއް އަދި ބެލެހެއްޓުމެއްނެތި ކުރެވޭ މަސްވެރިކަން ހުއްޓުވުމާ ބަނދަރުތަކުގައިއަޅާނެ ފިޔަވަޅުތަކުގެ ޤަވާއިދު
2- ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޢާންމު ޤަވާއިދު
3- މަސްވެރިކަމުގެ ޤާނޫނާއި ޤަވާއިދާއި ޚިލާފް ހަރަކާތްތަކަށް އިދާރީ ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުމުގެ ޤަވާއިދު
4- މަސްވެރިކަމުގެ މަޝްރޫޢުތަކަށް ހުއްދަ ދިނުމުގެ ޤަވާއިދު
5- މަސްވެރިކަމާއި މަސްވެރިކަމާއި ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗަރ ކުރުމަށް ހުއްދަދިނުމުގެ އިޖުރާއަތްތަކާ ބެހޭ ޤަވާއިދު
6- މަސްގަނެ ވިއްކޭނެ އެންމެ ދަށް އަގު ކަނޑައެޅުމުގެ ޤަވާއިދު
7- އެކުއަކަލްޗަރ ކުރުމުގެ ޤަވާއިދު

މިހާތަނަށް ގެޒެޓް ނުކުރެވިވަނީ އެންމެ ޤަވާއިދެއްކަމަށާއި އެއީ ރިސާރޗް ޕާމިޓް ޤަވާއިދުކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެޤަވާއިދުވެސް އެކުލަވާލާ މިހާރު ގެޒެޓްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ރައްޔިތުންގެ މަޖިލީހަށް ޙާޒިރުކުރުން

މަސްވެރިކަމުގެ ޤަވާއިދުތައް ހަދާފައިވާކަމަށް މިނިސްޓަރ ވިދާޅުވެފައިވާއިރު، އެޤަވާއިދުތައް އެކުލަވާލުން ލަސްވުމުގެ ސަބަބުން ވަރަށް ގިނަ މެންބަރުންގެ ފާޑުކިއުން ވަނީ މިނިސްޓަރަށް އަމާޒުވެފައެވެ. އެކަމުގައި މިނިސްޓަރ ޒިންމާ އަދާ ނުކުރައްވާކަމަށްބުނެ އެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށްވެސް ހުށައަޅާފައިވެއެވެ.

މިނިސްޓަރ ވިދާޅުވީ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ މެނޭޖުމަންޓް ޕްލޭންތައްވެސް އެކުލަވާލާ ނިމި ބަންޑާރަ ނާއިބުގެ ލަފާވެސް މިހާރު ލިބިފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް ގެޒެޓް ކުރެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އައު ޤަވާއިދުތަކާއެކު މަސްވެރިކަމަށް ނިކަމެތިކަން އަންނަކަމަށް ވާހަކަ ދެކެވުނުނަމަވެސް ޢާންމުންގެ ޚިޔާލު އެކި ގޮތްގޮތުން ގަވާއިދު އެކުލަވާލިއިރު ހޯދާފައިވާކަަމަށެވެ. ޤަވާއިދުތަކާއި ބެހޭ އެމަޢުލޫމާތުތަކާއި ގެނެވުނު ބަދަލުތައް ސާފުކޮށްދިނުމުން އެ ކަންބޮޑުވުންތައް މަސްވެރިންގެ މިހާރު ނެތްކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.