ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް 15 ޓީމާ އެކު އަންނަ މަހު ހަތަރު ވަނަ ދުވަހު ފަށަން ނިންމާފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
މިދިޔަ މަހުގެ 24 ގައި އެފްއޭއެމުން ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ މި މަހު ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގައި 22 ޓީމެއް މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހަޅާފައި ވިޔަސް ގިނަ ޓީމުތަކެއްގެ ލިޔެކިޔުންތައް ހަމަކުރުމުގައި ދަތިތަކެއް ހުރުމުން ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށްދިނެވެ.
އެންމެ ފަހުން ދިން މުއްދަތު އިއްޔެގެ ނިޔަލަށް ހަަމަވިއިރު މުބާރާތުގައި ބައިވެރިވާން އޭރު 16 ޓީމު ފޯމު ހުށަހަޅާފައިވެ އެވެ. އެކަމަކު އަމިއްލަ ސަބަބުތަކާ ހުރެ އެއް ޓީމުން މުބާރާތާ ވަކިވާން ނިންމުމުން މިހާރު މުބާރާތް ކުރިއަށްގެންދަން ނިންމާފައިވަނީ 15 ޓީމާ އެކު އެވެ. މި ފަހަރު ތިން ވަނަ ޑިވިޝަނުގައި ވާދަކުރާ ޓީމުތަކުން ވެސް އެފްއޭއެމުން ފީފާގައި ރަޖިސްޓްރީވެފައިވާ ކަނެކްޓް ސިސްޓަމަށް ގިނަ ލިޔެކިޔުންތަކެއް އަޕްލޯޑްކުރަން ޖެހެ އެވެ. އޭގެ ގިނަ ލިޔެކިޔުންތަކުގެ ސައްހަކަން ކަނޑައެޅޭނީ ކޮމިޝަނާ އޮފް ސްޕޯޓްސް އިން ބަލައިގަތުމުންނެވެ. އެ ގޮތުން ކަނެކްޓް ސިސްޓަމަށް ޓީމުތަކުން ލިޔެކިޔުން އަޕްލޯޑްކުރާއިރު 16 ކަމެއް ފުރިހަމަވާން ޖެހެ އެވެ.
މުބާރާތް ރޭވިފައިވާ ގޮތަށް ބަލާއިރު ހަތަރު ގްރޫޕަކަށް ޓީމު ބަހާލާނެ އެވެ. ފުރަތަމަ ތިން ގްރޫޕްގެ ތެރެއިން ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭނެ އެވެ. ފަހު ގްރޫޕްގައި ވާދަކުރާނީ ތިން ޓީމެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން ބާއްވަން ނިންމާފައިވަނީ މިއަދު އެވެ. މި ފަހަރުގެ ތިން ވަނަ ޑިވިޝަން އަވަހަށް ބާއްވަން ނިންމީ ދެ ވަނަ ޑިވިޝަނަށް ޕްރޮމޯޓްވާނެ ހަތަރު ޓީމެއް ކަނޑައެޅުމަށެވެ. އެފްއޭއެމުން ބުނީ ތިން ވަނަ ޑިވިޝަން ނިމުމުން އެކަށީގެންވާ މުއްދަތެއް ދިނުމަށް ފަހު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ވެސް ފަށާނެ ކަމަށެވެ.
މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މިހާރު ވެސް ބައެއް ކްލަބްތަކުން ވަނީ ޕްރެކްޓިސްތައް ފަށައިފި އެވެ.
ކޮމެންޓު ފޮނުވާ