ޔޫވީގެ ވަގުތީ ކޯޗަކަށް ސާންތި

ޔޫވީގެ ވަގުތީ ކޯޗަކަށް ސާންތި

Author
މުޙައްމަދު ޝަޒައިމް
19 ޖެނުއަރީ 2021 01:06
0

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ވަގުތީ ކޯޗަކަށް ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ހަމަޖައްސައިފިއެވެ.

ޔޫވީން ދާއިމީ ކޯޗެއް ގެންނަށްދެން އެ ޓީމަށް އިރުޝާދުދޭނީ ސާންތިއެވެ. މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ޔޫވީން ފަށާފައިވަނީ ސާންތި އެ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހަމަޖެއްސުމަށްފަހުއެވެ. މީގެ ކުރިން ސާންތި ބުނީ ޔޫވީއާއެކު މަސައްކަތް ކުރަނީ މި ވަގުތު ހުސްކޮށް ހުުރުމުން، ޔޫވީގެ އޭރުގެ ކޯޗު އާދަމުގެ އެދުމަށް ކަމަށެވެ.

ޔޫވީގެ ވަގުތީ ކޯޗަކަށް ސާންތި ހަމަޖެއްސީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗަށްފަހު އެ ޓީމުގެ ކޯޗުގެ މަގާމުން މުޙައްމަދު އާދަމް އިސްތިއުފާދިނުމާ ގުޅިގެންނެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައިވެސް ގިނަ ދުވަސްތަކެއް ވަންދެން ހުރި ސާންތި އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގެ ޓީމަކަށް އިރުޝާދު ދީފައިވަނީ ކުލަބު އީގަލްސްއަށެވެ. އީގަލްސްއަށް ފަސް އަހަރު ކޯޗުކޮށްދިނުމަށްފަހު، 2017 ވަނަ އަހަރު ސާންތި ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ހަވާލުވެފައެވެ. އަދި 2019 ވަނަ އަހަރު އެ މަގާމުން ވަކިވެ ސާންތި އިރުޝާދު ދީފައިވަނީ ބ. އޭދަފުށީ ފުޓްބޯޅަ ޓީމަށެވެ.

ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ޔޫވީން ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނާނެއެވެ. ލީގުގައި މިހާތަނަށް މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ޔޫވީއެވެ. އެއާއެކު ޔޫވީ އޮތީ ތާވަލުގެ ފުލުގައި ކުޅުނު ހަ މެޗުން ލިބުނު އެންމެ ތިން ޕޮއިންޓާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Hussain
Saanthi ei molhu koacheh kaamiyaabiah edhen