މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު އަހުމަދު ނާޝިދުއާ އެކު އެ ކްލަބުން ހަދާފައިވާ އެއްބަސްވުން އުވާލައިފި އެވެ.
މި ސީޒަނުގެ ނިޔަލަށް ނާދު އާއި ސަސްގެ ދެމެދު ހަދާފައިވާ އެއްބަސްވުން އުވާލާފައިމިވަނީ އޭނާ މަގާމުން އިސްތިއުފާނުދޭނެކަމަށް ބުނިފަހުންނެވެ. ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ސަސް ކުޅުނު މެޗަކީ އެ ޓީމުގައި ނާދުގެ ފަހު މެޗުކަމަށް ބުނެ ދަނޑު ބޭރުން ވާހަކަތަކެއް ދެކެވިފައި އޮތްއިރު، އެކަމާ ބެހޭގޮތުން މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ނާދުއާ ސުވާލުކުރުމުން އޭނާ ބުނީ "މަގާމުން އިސްތިއުފާ ނުދޭނެ ކަމަށާއި ޖެހޭނީ ވަކިކުރަން" ކަމަށެވެ. އެކަމަކު ސަސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ނާދުއާ އެކު ދެކެވުނު ވާހަަކަތަކަށް ފަހު ދެ ފަރާތް އެއްބަސްވެގެން ކޮންޓްރެކްޓް އުވާލަށް ނިންމާފައިވާ ކަމަށެވެ.
މި ސީޒަނުގައި ގަދަ ހައެއްގެ ޓާގެޓްގައި ހާސިލްކުރަން ހަވާލުކުރި ނާދު ސަސް ކޯޗުކަމާ ވަކިވިއިރު އެ ޓީމު އޮތީ ކުޅުނު ހަ މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ. ސަސް އިން ވަނީ ނާދު އެ ޓީމަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާކޮށްފަ އެވެ. ސަސްގެ ކޯޗުކަމާ ދެން ހަވާލުވާނެ ކަމަށް އަޑުފެތުރިފައިވަނީ އެންމެ ފަހުން އީގަލްސްގައި ހުރި ކޯޗު މޯހަން އެވެ.
ކޮމެންޓު ފޮނުވާ