ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ޤަބޫލުކުރާ ވަޒީރުންނަކީ ވަޒީރުކަމުގެ ކުފޫ ހަމަވާ ބައެއް ނޫންކަމަށް ވިދާޅުވެ ޑރ.ޖަމީލްގެ ރައްދެއް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްއަށް ދެއްވައިފި އެވެ.
އިންޑިޔާއިން ބޭނުންނަމަ ރާއްޖޭގެ ރައްޔިތުން މަރާފައިވެސް ރާއްޖެ ހިފިދާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުން ޑރ.ޖަމީލް ވިދާޅުވީ ރާއްޖެއަކީ އިންޑިޔާ ކަނޑުގެ ނުފޫޒު ގަދަ ޤައުމެއްކަމަށެވެ. ދުނިޔޭގެ ބާރުގަދަ ބޮޑެތި އެތައް ޤައުމެއް ވަށައިގެން ފުދުންތެރި ނަން ހިނގާ ޤައުމުތައް އޮތްއިރު، އެޤައުމުތަކަށްވެސް ހަމަޖެހިލައިގެން އުޅެވޭއިރު ރާއްޖެއަށް އަމާންކަމާއި މިނިވަންކަމާއިއެކު ނުތިބެވޭނެ ސަބަބެއް ނެތްކަމަށެވެ.
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭގޮތަށް ދައުލަތުގެ އިސްމަޤާމުތަކުގައި ތިއްބެވި ބޭފުޅުން ވާހަކަ ދެއްކެވުމަކީ އެބޭފުޅުންގެ މަޤާމާއިމެދުވެސް ސުވާލު އުފެދޭ ކަމެއްކަމަށް ޑރ.ޖަމީލް ވިދާޅުވި އެވެ. އަދި މިކަމުން ރައްޔިތުން ބިރުވެރިކަމަކަށް ވައްޓާލުން ނޫންކަމެއް ނުވާކަމަށް ޑރ.ޖަމީލް ވިދާޅުވި އެވެ.
ބޮޑުވުމުން ބާރުގަދަވުމަކީ ދުނިޔޭގެ އުޞޫލެއް ނޫން. ގަތަރު، ސިންގަޕޯ ފަދަ އެތައް ޤަޢުމެއް އޮތީ ބޮޑެތި ޤަޢުމުތަކުގެ ވަށައިގެން. ރާއްޖެއަކީ މިކަނޑުގައި ނުފޫޒުގަދަ ޤަޢުމެއް. ޞިޔާދަތު ޤަބޫލުނުކުރެވޭ ވަޒީރުން ކުފޫހަމަނުވޭ. މޮޅުކަމަކަށް ތިކުރެވެނީ 24 ގަޑިއިރު ދިވެހިން ނިކަމެތިކުރުންތޯ؟
ދައުލަތުގެ ވަޒީރެއްގެ މަޤާމުގައި ހުންވައިގެން ޤައުމުގެ އަޅުވެތިކަމަށް ހިތްވަރު ލިބޭފަދަ ވާހަކަތަކެއް ދެއްކުމަކީ ދިވެހި ލޭ ހިނގާ އެއްވެސް ދިވެއްސަކަށް ހަޖަމުކުރެވޭނެ ކަމެއްނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިއާއެކު ސޯޝަލް މީޑިއާގައި އެތައް ރައްޔިތުނެއް ހިތްހަމަނުޖެހުމާއި ރުޅިވެރިކަމުގެ ޝުޢޫރުތައް ވަނީ ބަންޑުންކޮށްލާފަ އެވެ.
ދައުލަތުގެ މީޑިއާގެ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މިސަރުކާރުގެ އެންމެ ބާރުގަދަ އަދި އެންމެ ނުފޫޒުގަދަކަމަށް އަޑުފެތުރިފައިވާ އިޤްތިޞާދާއި ބެހޭ ވަޒީރު ވިދާޅުވެފައިވަނީ އިންޑިއާއަކީ މިސަރަހައްދުގައި އޮތް ވަރަށް ބޮޑު ވަރަށް ވަރުގަދަ ޤައުމެއްކަމަށާއި، ރާއްޖެއާ އެތައް ޤަރުނެއްގެ ގުޅުމެއްއޮތް ޤައުމެއްކަމަށެވެ. އަދި އިންޑިއާއިން ދިވެހިރާއްޖެ ހިފައި އެޤައުމުގެ ދަށަށް ގެންދަން ބޭނުންވެއްޖެނަމަ އެކަން އޮންނާނީ މިހާރުވެސް ކޮށްފައިކަމަށާއި، ދިވެހިންނަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނޯންނާނެކަމަށް ވިދާޅުވެފަ އެވެ.
ކޮމެންޓު ފޮނުވާ