ފެނަކަ އާއި އާރްޑީސީ އުވާލަނީ

ފެނަކަ އާއި އާރްޑީސީ އުވާލަނީ

Author
އަހުމަދު
07 ސެޕްޓެމްބަރ 2026 03:15
0

ސަރުކާރުގެ ކުންފުނިތައް އަލުން ބައްޓަން ކުރުމުގެ ދަށުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލައި، ފެނަކައިން ދެމުން އަންނަ ޔޫޓިލިޓީ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ދަށަށް، އަދި އާރްޑީސީގެ މަގު ހެދުމުގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ.

ރައީސް މިކަން އިޢުލާން ކުރެއްވީ ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މެނޭޖްމަންޓް ވަރުގަދަ ކުރުމަށް އަޅުއްވާ ފިޔަވަޅުތައް ހާމަކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި މަސައްކަތުގެ ދަށުން ސަރުކާރުގެ ދެ ކުންފުންޏެއް އުވާލަން ސަރުކާރުން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބަދަލުތަކުގެ ދަށުން، ފެނަކައިން މިހާރު ދެމުން އަންނަ ޔޫޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއިން ހަވާލުވާނެ ކަމަށާއި، އަދި އާރްޑީސީން ކުރަމުން އަންނަ މަގު ހެދުމުގެ މަސައްކަތްތައް އެމްޓީސީސީން ހަވާލުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މި ބަދަލުގެ ސަބަބުން މުވައްޒަފުންގެ ޢަދަދު މަދުވެ، ކުންފުނިތައް ރައިޓް-ސައިޒް ވެ، ބޭކާރު ޚަރަދުތައް ކުޑަކުރެވޭނެ ކަމަށެވެ.

ކުރީގެ ސަރުކާރުތަކުން ކުންފުނިތަކަށް ބޭނުންވާ ވަރަށްވުރެ ގިނަ މުވައްޒަފުން ނަގައި، ޚަރަދު ބޮޑުކޮށް، ހިންގުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިކުރުވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ބަދަލުތަކުގެ ދަށުން މުވައްޒަފުންގެ ޢަދަދު މަދު ކުރުމުން ކުންފުނިތަކުގެ މެނޭޖްމަންޓް މިހާރަށްވުރެ ވަރުގަދަ ވެގެންދާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

މުވައްޒަފުންގެ ޢަދަދު މަސައްކަތާ ނުބައްދަލު ގޮތަކަށް ގިނަވުމުގެ ސަބަބުން ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއް ވެސް ވަނީ ލިބިފައެވެ. ކުރީގެ ސަރުކާރުތަކުން އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ފައިދާއަށްޓަކައި ކުންފުނިތަކަށް މީހުން ވައްދާފައިވާ ކަމަށާއި، މަސައްކަތެއް ނުކުރި ނަމަވެސް ބޮޑެތި މުސާރަ ލިބޭ މަޤާމުތަކުގައި ގިނަ ބަޔަކު ތިބި ކަމަށް ބުނެ ޢާންމުންގެ ކަންބޮޑުވުން އޮވެއެވެ.

މި މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި، މަސައްކަތެއް ނުކުރާ މުވައްޒަފުން ވަކިކޮށް، ކުންފުނިތައް ރައިޓް-ސައިޒް ކުރުމުގެ ފިޔަވަޅުތައް ސަރުކާރުން ކުރިން ވެސް އަޅާފައިވެއެވެ. ސަރުކާރުން މިހާރު މި މަސައްކަތް އިތުރަށް ފުޅާކޮށް، ބައެއް ކުންފުނިތައް ވަނީ އުވާލައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.