ފިހާރައަކުން 25,000 ރުފިޔާ އާއި މޮބައިލް ފޯނެއް ވަގަށް ނެގި ސްރީލަންކާ ރައްޔިތަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު އާންމުކުރި ބަންދު އަމުރުގައިވާ ގޮތުން، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ޗަންދްރެސްކަރަން އެންތޮނީ (42އ) ކިޔާ މީހެކެވެ. ފަނޑިޔާރު ވަނީ 15 ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
އޭނާ ވަގަށް ނެގީ އެ ފިހާރައިގެ އެ ދުވަހުގެ ސޭލްސްގެ ގޮތުގައި ލިބުނު 25,000 ރުފިޔާ އާއި މޮބައިލް ފޯނެއް ކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ. މި މައްސަލައިގައި ހެކީގެ ގޮތުގައި ވީޑިއޯ ފުޓޭޖުގެ ސްނެޕްޝޮޓްތައް ވެސް ވަނީ ހުށަހަޅައިފައެވެ.
ނަމަވެސް، ތުހުމަތުކުރެވޭ ބިދޭސީ މީހާ ބުނެފައިވަނީ އޭނާ އެ ފިހާރައިގެ ވަޒީފާއިން ވަކިވިތާ މިހާރު 10 ދުވަސް ވެއްޖެ ކަމަށާއި، ވައްކަން ހިނގި ވަގުތު އޭނާ ހުރީ މުޅިން އެހެން ތަނެއްގައި ކަމަށެވެ.
އޭނާ ހައްޔަރުކުރި އިރު، ރާއްޖެއިން ފުރުމަށް ފްލައިޓް ޓިކެޓް ވެސް ނަގާފައި އޮތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ