މާލޭގައި ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ ސ. ހިތަދޫ އިރުމީޒު، މުހައްމަދު އަހުމަދުދީދީ (ނައުއްޓެ) މަރާލި މައްސަލައިގައި ކުށް ސާބިތުނުވި ދެ މީހުންގެ މައްޗަށް ޝަރުތުތަކެއް ކަނޑައަޅައި ދިނުމަށް ދައުލަތުން އެދުނު އެދުމަށް އިޖާބަނުދޭން ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
ފެބްރުއަރީ 2023 ގައި މާފަންނު މުރަނގަ މަގުގައި ހުންނަ ފިހާރައެއްގައި ނައުއްޓެއަށް ހަމަލާދީ މަރާލި މައްސަލައިގައި ދައުވާ އުފުލީ ސ. މަރަދޫފޭދޫ، ރަށްދެބައިގޭ އިބްރާހިމް ފައިހް ނިޒާމާއި ތ. ގާދިއްފުށީ ގުލޭނޫރަންމާގޭ ސިރުހާން އަލީގެ މައްޗަށެވެ. ނަމަވެސް، ދައުލަތުން ހުށަހެޅި ހެކީގެ ޗޭނުގެ ބޮޅުތައް ފުރިހަމައަށް ގުޅުވާލެވިފައި ނުވާ ކަމަށް ބުނެ، މިދިޔަ އޭޕްރީލް މަހު ކްރިމިނަލް ކޯޓުން އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރި އެވެ.
އެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރީ ޝަރީއަތް ނިމެންދެން އެ ދެ މީހުން ބަންދު ކުރުމަށް އެދިގެންނެވެ. ފަހުން، އެ އެދުން އަނބުރާ ގެންގޮސް، މައްސަލައިގެ އަޑުއެހުންތައް ދިގުލައިގެން ހިނގައިދާނެ ކަމަށް ބުނެ ޝަރުތުތަކެއް ކަނޑައަޅައި ދޭން ދައުލަތުން އެދުނެވެ.
ފަނޑިޔާރު އިސްމާއިލް ޝަފީއު އާއި ފަނޑިޔާރު އިބްރާހިމް މާހިރުގެ އަޣުލަބިއްޔަތުން ނިންމީ، ބަންދުގައި ނެތް މީހަކު ޝަރުތުކުރުމަށްފަހު ދޫކުރެވިދާނެ ގާނޫނީ އަސާސެއް ދައުލަތުން ބަޔާންކޮށްދީފައި ނުވާތީ، އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ބެންޗުގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ ރައުޔު ތަފާތެވެ. އެމަނިކުފާނު ވިދާޅުވީ، ދަށު ކޯޓުން ސާބިތުނުވާ ކަމަށް ކުރި ހުކުމް އިސްތިއުނާފު ކުރެވިފައިވާ މައްސަލައެއްގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ތުހުމަތުން މުޅިން ބަރީއަވެފައިވާ ފަރާތެއް ނޫން ކަމަށާއި، އެފަދަ ފަރާތްތަކުގެ މައްޗަށް ޝަރުތު ކުރުމަކީ ގާނޫނުން މަނާ ކޮށްފައި އޮތް ކަމެއް ނޫން ކަމަށެވެ. ނަމަވެސް، އެ ރައުޔަށް ބެންޗުގެ ތާއީދު ލިބިފައެއް ނުވެ އެވެ.
ކޮމެންޓު ފޮނުވާ