ނުދޭނަން އިސްތިއުފާއެއް، ވަކިކުރަން ޖެހޭނީ: ނާދު

ނުދޭނަން އިސްތިއުފާއެއް، ވަކިކުރަން ޖެހޭނީ: ނާދު

Author
މުޙައްމަދު ޝަޒައިމް
17 ޖެނުއަރީ 2021 11:44
0

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗުގެ މަގާމުން އިސްތިއުފާ ނުދޭނެ ކަމަށާއި، ކުލަބުން އޭނާ ބޭނުން ނުވާނަމަ ޖެހޭނީ ވަކިކުރަން ކަމަށް އެ ޓީމުގެ ކޯޗު އަޙްމަދު ނާޝިދު (ނާދު) ބުނެފިއެވެ.

ސަސްގެ ކޯޗު ނާދުގެ މުސްތަގުބަލާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ދެކެވެމުންދާއިރު އޭނާ ބުނީ ކޮންމެ ގޮތެއް ވިޔަސް މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަަމަށެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން އެއްވަރުވި މެޗަށްފަހު ވާހަކަ ދައްކަމުން ނާދު ބުނީ ސަސްގެ ކޯޗުގެ މަގާމާ އޭނާ ހަވާލުވިއިރު ކުލަބުން ދިން ޓާގެޓަކީ ގަދަ ހައެއް ކަމަށާއި، އެ ޓާގެޓަށް ވާސިލްވެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ. މި ހިސާބުން ކޯޗު ވަކިކުރަން ތަންކޮޅެއް އަވަސް ކަމަށާއި، ކޯޗެއްގެ ހައިސިއްޔަތުން އިސްތިއުފާ ނުދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. އެހެންކަމުން ކުލަބުން އޭނާ ކޯޗަކަށް ބަހައްޓަން ބޭނުންނުވާނަމަ ޖެހޭނީ ވަކިކުރަން ކަމަށްވެސް ނާދު ވަނީ ބުނެފައެވެ.

ސަސްގެ ޓާގެޓް ފެށިއިރު ވެސް ބުނި ގަދަ ހައެއްގައި އޮތުމޭ. ގަދަހައެކޭ ބުނެފައި މި ހިސާބުން ކޯޗު ވަކިކުރަން ތަންކޮޅެއް އަވަސް ކަންނޭނގެ ފިޔަވަޅެއް ނަގަން ވެއްޖިއްޔާ. ކޯޗެއް ނުދޭނަން އިސްތިއުފާއެއް. ވަކިކުރަން ޖެހޭނީ. ތަށްޓައްކުޅޭ ބައެއް ވެއްޖިއްޔާ ވަކިކުރަންވީ މިހާރުއްސުރެން. އެއީ މި ސީޒަނުގައި ބަލިވީ އަދި މާޒިޔާ އަތުން.

– ނާދު ބުނެފައިވެއެވެ.

ނާދު ބުނީ ސަސްގެ ކޯޗުގެ މަގާމުން އޭނާ ވަކިކުރަން އުޅޭ ވާހަކަތައް ދަނޑު ބޭރުން ދައްކާ އަޑުއިވޭ ކަމަށާއި، އެކަމަކު ފުޓްބޯޅައިން އޭނާ ދުރު ނުކުރެވޭނެ ކަމަށެވެ. އަދި ސަސްއިން އޭނާ ވަކިކުރި ނަމަވެސް އެއްވެސް ހަސަދަވެރިކަމެއްވެސް ނޯންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ސަސްއާއެކު ކުރެވުނު މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި، ސަސްގެ ކޯޗުގެ މަގާމުން އޭނާ ވަކިކޮށްފިނަމަ، ސަސްގެ މޭނެޖުމަންޓުގެ ފުޓްބޯޅައިގެ ފެންވަރު ރީތިކޮށް ފެންނަން އޮންނާނެ ކަމަށްވެސް ނާދު ބުންޏެވެ.

ނާދު އިތުރަށް ބުނީ ސަސްގެ ކޯޗުގެ މަގާމުން އޭނާ ވަކިކުރާއިރު، ކުލަބުން ދިން ޓާގެޓް ހާސިލުނުވެގެން ވަކިކުރަނީއޭ ބުނެފިނަމަ އެއީ ގޯހެއް ކަމަށާއި، އެކަމަކު ސަސްގެ އަމާޒަކީ ލީގު ހޯދުން ކަމަށްވާނަމަ، ކޯޗުގެ މަގާމުން އޭނާ ވަކިކުރިއަސް މައްސަލައެއް ނެތް ކަމަށެވެ.

އިރާދަކުރައްވިއްޔާ ފުޓްބޯޅަ އަކާ ދުރެއް ނުކުރެވޭނެ އެއްވެސް ބަޔަކަށް. ފުޓްބޯޅައިގައި އުޅޭނީ ތިން ވަނަ ޑިވިޝަން ޓީމެއްގައި ނަމަވެސް. އެއީ އެކަން އޮތްގޮތް. މިއީ އަޅުގަނޑުގެ ޓީމެއް ނޫން އެ މީހުންގެ ޓީމެއް. މީގެ ގޮތެއް ނިންމާނީ އެ މީހުން. އެއްވެސް ކަހަލަ ރުޅިވެރިކަމެއް ހަސަދަވެރިކަމެއް ނެތް. ރަނގަޅު ކޯޗެއް ލިބެންޏާ ވެސް ވަކިކުރަންވީ.

– ނާދު ބުނެފައިވެއެވެ.

ނާދު ވަކިކޮށް ސަސްއިން އަންނަނީ އެ ޓީމުގެ ކޯޗަކަށް ކުލަބު އީގަލްސްގެ ކޯޗުގެ މަގާމުން ވަކިވި މުޙައްމަދު ޝިޔާޒް (މޯހަން) ގެނައުމަށް މަސައްކަތް ކުރަމުންނެވެ. މި ފަަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސަސްގެ ޓާގެޓް އޮތީ ގަދަ ހައެއްގައި ނިންމާލާށެވެ. ހަ މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ސަސް އޮތީ ލީގުގެ ފަސް ވަނައިގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.