ޖަރުމަނު ބުންޑަސްލީގާގައި ބޮރޫޝިއާ ޑޯޓްމުންޑާއި މެއިންޒް ބައްދަލުކުރިމެޗް އެއްވަރު ވެއްޖެއެވެ.
ޑޯޓްމުންޑްގެ ދަނޑުގައި ކުޅުނު މިމެޗް އެއްވަރުވީ 1-1 ލަނޑުންނެވެ. ދެޓީމްގެ ފަރާތުންވެސް ވާދަވެރި މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެޓީމުންވެސްވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތު ތަކެއް ތަނަވަސް ކޮށްފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 57 ވަނަ މިނެޓްގައި ޖަހާދިނީ މެއިންޒްގެ ލެވެން އުޒްޓުނާލީއެވެ.
މިމެޗްގައި ޑޯޓްމުންޑަށް ނތީޖާ ހަމަހަމަކޮށްދިނީ 73 ވަނަ މިނެޓްގައި ތޯމަސް މެއުނިއަރ ޖަހާދިން ލަނޑުންނެވެ. މިއީ ޑޯޓްމުންޑަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި މިލަނޑު ޖެހިތާ ދެ މިނެޓްް ފަހުން ޑޯޓްމުންޑަށް ޕެނަލްޓީއެއްވެސް ލިބުނެވެ. މެޗުން މޮޅުވާން ލިބުނު ރަނުގެ ފުރުސަތުގައި ކެޕްޓަން ރޮއިސް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.
މިމެޗް އެއްވަރުވުމުން ޑޯޑްމުންޑް މިހާރު އޮތީ ކުޅުނު 16 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. އަދި މެއިންޒް އުޅެނީ ކުޅުނު 16 މެޗުން ލިބިފައިވާ 7 ޕޮއިންޓާއކު ތާވަލްގެ 17 ވަނައިގައެވެ.
ކޮމެންޓު ފޮނުވާ