ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) 1-1 އިން އެއްވަރުވި މެޗަށް ފަހު ޔޫވީގެ ކޯޗުކަމުން މުހައްމަދު އާދަމް އިސްތިއުފާ ދީފި އެވެ.
މުހައްމަދު ބުނީ އެ ޓީމުގެ ކޯޗުގެ މަގާމުގައި ދެމިހުރުމާ މެދު މިދިޔަ ދެ ހަފްތާ މެނޭޖްމަންޓާ ވާހަކަ ދެއްކުމަށް ފަހު، ރޭގެ މެޗުން ކޮންމެ ގޮތެއް ވިޔަސް އޮތީ މަގާމުން އިސްތިއުފާދޭން ނިންމާފައި ކަމަށެވެ. އިސްތިއުފާގެ ސިޓީ އޭނާ ވަނީ މެޗަށް ފަހު މެނޭޖްމަންޓާ ހަވާލުކޮށްފަ އެވެ. އޭނާ ބުނީ ރާއްޖޭގައި ދިމާވާ އެއް ކަަމަކީ ކުޅުންތެރިން ކޯޗު ގަބޫލުނުކުރުން ކަމަށާއި އެ ފަދަ ކަންތައްތަކެއް ވެސް އިހުސާސްކުރެވޭތީ ނިންމީ ޓީމާ ވަކިވާން ކަމަށެވެ. އެއީ ކްލަބްގެ މެނޭޖްމަންޓަށް ވެސް ފެންނަ ގޮތް ކަމަށް މުހައްމަދު ބުންޏެވެ.
އަހަރެން ގަބޫލުކުރާގޮތުގައި މަށަށް މި ޕްރެޝަރު ހޭންޑަލްކުރަން ދަސްވެފައި ނެތް. ކުޅުންތެރިން ތެރޭގައި ޓީމު ބޮންޑިން މައްސަލައެއް ވިނިން ސްޕިރިޓް މައްސަލަ އިންނާނެ ގޮތެއް އަހަންނަށް ނޭނގޭ. ކުޅިވަރުގައި މިހާތަނަށް ފޭސްނުކުރާ ކަންތައްތަކެއް މި ދިމާވީ. މެނޭޖްމަންޓާ އެއްވެސް މައްސަލައެއް ވެސް ނެތް. އަހަންނަށް ދެވޭ ބެސްޓް އަހަރެން ދޭކަން އެ މީހުން ގަބޫލުކުރޭ. މި ވަގުތު އެންމެ ރަނގަޅީ އަހަރެން މި ޓީމާ ވަކިވެ އާ މީހަކަށް ފުރުސަތު ދިނުން.
– މުހައްމަދު ބުނެފައިވެއެވެ.
މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ބުނީ ޕޯސްޓް-މެޗު ޕްރެސްއަށް އައީ އިސްތިއުފާގެ ސިޓީ ހަވާލުކުރުމަށްފަހު ކަމަށެވެ. ޔޫވީއާއެކު ދިމާވީ ކުޅިވަރުގައި މިހާތަނަށް އޭނާ ދިމާނުވާ ކަންތައްތަކެއް ކަމަށާއި، އެކަމަކު މެނޭޖުމަންޓާ އެއްވެސް މައްސަލައެއް ނެތް ކަމަށްވެސް އާދަމް ބުނެފައިވެއެވެ. އަދި މި ވަގުތު އެންމެ ރަނގަޅީ އޭނާ އެ ޓީމާ ވަކިވެ، އައު މީހަކަށް ފުރުސަތު ދިނުން ކަމަށްވެސް އާދަމް ވަނީ ބުނެފައިވެއެވެ.
ކުޅުންތެރިން ފަރާތުން އަންނަ މައްސަލަތަކަކީ މެޗުން ބަލިވެގެން އަންނައިރު އަހަރެން ވަރަށް މޫޑީވެފައޭ ހުންނަނީ. އެކަމަކު އަހަރެންގެ ނީންނާނެ ދެ މޫނެއް. އަހަރެންގެ މޫޑު ފެންނާނީ. އަހަންނަކަށް ނޭނގޭނެ ރުޅި އައިސްފައި ހުރެ ހިނިތުންވާކަށެއް. ރުޅި އައިސްފައި ހުރިއްޔާ ހުންނާނީ އެހެން ފެންނަން. އެ ގަބޫލުނުކުރެވެއްޏާ ކުރާނެ ކަމެއް ނެތް.
– ކުރިން ލަންކާގެ ޓީމުތަކަށް ވެސް ކޯޗުކޮށްދިން މުހައްމަދު ބުނެފައިވެއެވެ.
ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުން މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ޔުނައިޓެޑް ވިކްޓްރީ އެވެ. ލީގުގެ ގަދަ ތިނެއްގެ ޓާގެޓާ އެކު ނުކުތް ޔުނައިޓެޑް ވިކްޓްރީ އޮތީ ލީގުގެ އެންމެ ފުލުގައި ތިން ޕޮއިންޓާ އެކު އެވެ
ކޮމެންޓު ފޮނުވާ