ޔޫވީ އާއި ސަސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެ

ޔޫވީ އާއި ސަސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެ

Author
އިބްރާހީމް ސާޢިދު
17 ޖެނުއަރީ 2021 10:47
0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) 1-1 އިން އެއްވަރުވެއްޖެ އެވެ.

ރޭގެ މެޗު ފަށައިގެން ޔުނައިޓެޑް ވިކްޓްރީ އިން ސަސް ހާފު ތެރޭގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކައި ފުރަަތަމަ ފުރުސަތު ތަނަވަސްކުރި އެވެ. ސަސް އިން މެޗުގައި ތަނަވަސްކުރި ފުރަތަމަ ރަނގަޅު ފުރުސަތުގައި ވަނީ ލީޑުނަގައިފަ އެވެ. މެޗުގެ 24 ވަަނަ މިނިޓްގައި އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ޖަޕާނުގެ މިޑްފީލްޑަރު އަޓްސުޝީ ޔޮނެޒާވާ ނަގައިދިން ބޯޅަ އެ ޓީމަށް ކުޅޭ ޖަޕާނުގެ އަނެއް މިޑްފީލްޑަރު އެއިސޫކޭ މޯރީ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އެ ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު ރުސްލާން އާމިރޯފް އަތުގައި ޖެހިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ ވަނަ މިނިޓްގައި ކޯނަރެއްގައި ހުރަސްވި ބޯޅައެއް އޭރިއާތެރެއިން ހޯދައި ޔުނައިޓެޑް ވިކްޓްރީން ލަނޑެއް ޖެހި އެވެ. ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން މުހައްމަދު އާރިފް (ބަކާ) ޖެހި މި ގޯލު ބަލައިނުގަންނަން ނިންމީ އޮފްސައިޑް ކަމަށް ނިންމުމަށް ފަހު އެވެ.ޔުނައިޓެޑް ވިކްޓްރީ އަށް ފަހު ވަގުތު އެއްވަރުކޮށްދިނީ ޕެނަލްޓީ އަކުން އީސަ އެވެ. މިއީ ޔުނައިޓެޑް ވިކްޓްރީގެ އަނަޓޯލީ ވްލަސީޗޭވް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މި ނަތީޖާ އެކު ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުން މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ޔުނައިޓެޑް ވިކްޓްރީ އެވެ. ލީގުގެ ގަދަ ތިނެއްގެ ޓާގެޓާ އެކު ނުކުތް ޔުނައިޓެޑް ވިކްޓްރީ އޮތީ ލީގުގެ އެންމެ ފުލުގައި ތިން ޕޮއިންޓާ އެކު އެވެ. މެޗަށް ފަހު ޔޫވީގެ ކޯޗުކަމުން މުހައްމަދު އާދަމް އިސްތިއުފާ ދީފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.